އިހަވަންދޫގެ ދެ އަވަށް ކަމަށްވާ ހުޅަނގު މަތީއަވަށާއި އިރުމަތީ އަވަށުގެ ދެމެދުގައި މިއަދު ފުޓްބޯޅަ މެޗެއް ކުޅޭނެއެވެ. މިމެޗް އޮންނާނީ މިއަދު ހަވީރު އިހަވަންދޫ ޢާޒީ ފުޓްބޯޅަ ދަނޑުގައެވެ.
މިއަދު ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ މިމެޗަކީ އިހަވަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށްގެންދާ މެޗެކެވެ. އިހަވަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ސީނިއަރ ޕޮލިޓިކަލް ޓިރެކްޓަރ މުހައްމަދު ފަޒީލް ވިދާޅުވީ، މިމެޗަކީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައި، ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ކުޅެވޭ މެޗެއް ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ މަސައްކަތް ތެރިންގެ ދުވަހުގެ ގޮތުގައެވެ.
އިހަވަންދޫ އިރުމަތީ އަވަށާއި ހުޅަނގު އަވަށަކީ ކުޅިވަރުގައި ކުރިން ވަރަށް ވާދަވެރި ދެ އަވަށެވެ. ދެ އަވަށުގެ މެޗުގައި ކުޅެވޭ މެޗްތައް ފޯރިގަދަވެ ބައެއް ފަހަރު ވަރަށްބޮޑަށް ހޫނުވެގެންވެސް ދެއެވެ.