އާމިނާދިޔޯ ހެލްތް ސެންޓަރުގައި ޖީ.ސިކްސް.ޕީ.ޑީ ޓެސްޓު ހަދަން ފަށައިފި

.

އާމިނާދިޔޯ ހެލްތް ސެންޓަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖީ.ސިކްސް.ޕީ.ޑީ (G6PD) ކުއަންޓިޓޭޓިވް ޓެސްޓު ހެދުމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. މިއީ އެ ސެންޓަރުން ފޯރުކޮށްދޭ  ޚިދުމަތްތައް ހަރުދަނާކޮށް، ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޖީ.ސިކްސް.ޕީ.ޑީ ޑެފިޝިއެންސީ، ނުވަތަ މި އެންޒައިމް މަދުވުމަކީ  ވާރުތަވާ ކަމެއް ކަމަށްވާއިރު، މީގެ ސަބަބުން ލޭގައި ހުންނަ  ރަތް ސެލްތަކަށް ލިބޭ ގެއްލުންތަކުން ދިފާއުވުމުގެ ގާބިލުކަން ހަށިގަނޑުގައި ކުޑަވެ އެވެ. މިފަދަ މީހުން ވަކި ބާވަތެއްގެ ބޭސްތަކަކަށް، ކާނާއަކަށް ނުވަތަ އިންފެކްޝަނަކަށް ހުށަހެޅިއްޖެ ނަމަ، ލޭގެ ރަތް ސެލްތައް ކުއްލިއަކަށް ހަލާކުވެ، ލޭމަދުވުމާއި، ރީނދޫވުމާއި، ވަރުބަލިވުމުގެ އިތުރުން ނޭވާ ކުރުވުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ.

މި ޚިދުމަތް ތައާރަފްކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ބަލިމީހުންނަށް ދެވޭ ފަރުވާގެ ރައްކާތެރިކަން އިތުރުކުރުމެވެ. ހާއްސަކޮށް ބައެއް ކަހަލަ އެންޓިބަޔޮޓިކްސް  ފަދަ  ބޭސްތައް ބޭނުންކުރުމުގެ ކުރިން، ބަލިމީހާގެ ޖީ.ސިކްސް.ޕީ.ޑީ ލެވެލް ހުރި މިންވަރު ކުއަންޓިޓޭޓިވް ޓެސްޓެއްގެ އެހީގައި ދެނެގަތުމަކީ، ނޭނގި ހުރެ ދެވޭ ފަރުވާއަކުން ބަލިމީހާގެ ފުރާނައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އޮތް އެންމެ ކަށަވަރު މަގެވެ.

މީގެ އިތުރުން، އަލަށް އުފަންވާ ތުއްތު ކުދިންނަށް ދިމާވާ ސީރިއަސް ރީނދޫވުމުގެ މައްސަލަތައް ދެނެގަތުމަށާއި، ބޮޑެތި މީހުންވެސް ދުރުވާންޖެހޭ ކާނާގެ ބާވަތްތައް (މިސާލަކަށް ފާވާ ބީންސް) އަދި ކެމިކަލްތައް (މިސާލަކަށް ނެޕްތަލީން) ދެނެގަނެ، ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނައުމަށް މި ޓެސްޓު އެހީތެރިވެދޭނެ އެވެ.