ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން ކުރިއަށްގެންދާ 2026/2027 ގެ ދިވެހި ޕްރިމިއާ ލީގުން ނޯތު ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ ސްޕޯޓްސް ކްލަބް ޖާގަ ހޯދައި، ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. މިއީ ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ޓީމެއް ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ކުޅުނު ފޯރިގަދަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް 2-2 އިން މެޗު އެއްވަރުވުމާއެކު، ކޮލިފައިން ބުރުގެ ބާކީ އެއް މެޗު އޮއްވައި ދިއްދޫ ވަނީ ލީގުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި ނަތީޖާއާއެކު ދިއްދޫ އަށް ވަނީ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައެވެ.
މިއަދުގެ މެޗުގައި ދިއްދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ގޯލްތައް ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސެއިން ޑަންޖޫމާ ގުމްބާރީ އާއި ހުސައިން ރަޝީދެވެ. ދިއްދޫގެ އެހެން މެޗުތަކެކޭ އެއްފަދައިން، މިއަދުގެ މެޗުގައިވެސް ދަނޑަށް ހާޒިރުވި ދިއްދޫގެ ސަޕޯޓަރުންގެ ކިބައިން ފެނިގެންދިޔައީ ޖޯޝުން ފުރިގެންވީ ވަރުގަދަ ސަޕޯޓެކެވެ.
ދިއްދޫ ޓީމު ކޮލިފައިން މަރުހަލާއާ ހަމައަށް ވާސިލްވީ އަތޮޅު ބުރާއި ރީޖަނަލް ބުރުގެ ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ (100%) ރެކޯޑަކާ އެކުގައެވެ. މުޅި ކޮލިފައިން ބުރުގައިވެސް އެ ޓީމު ބަލިވެފައިވަނީ ހަމައެކަނި ޓީސީ ސްޕޯޓްސް ކްލަބް އަތުންނެވެ. މި ބުރުގައި ދިއްދޫއިން ވަނީ ރާއްޖޭގެ ދެކުނުގެ ޗެމްޕިއަން ގައްދޫ އާއި މެދުތެރޭގެ ޗެމްޕިއަން ކ. ހުރާ ބަލިކޮށް، އެ ޓީމުގެ ވަރުގަދަކަން ސާބިތުކޮށްދީފައެވެ.
ދިއްދޫގެ މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވަނީ އެ ޓީމަށް މަރުހަބާ ކިޔުއްވާފައެވެ. ޓޮމް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ ލީގަށް ދިއްދޫ ޕްރޮމޯޓްވުމުން މަރުހަބާ ކިޔާ ކަމަށާއި، ގައުމުގެ އެލައިޓް ކްލަބުތަކުގެ މެދުގައި ވާދަކުރަން ތައްޔާރުވަމުންދާއިރު ދިއްދޫ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށެވެ.
ކޮލިފައިން ޕްލޭއޮފްގައި ދިއްދޫ ކުޅޭ ފަހު މެޗުގައި ނުކުންނާނީ މި މަހުގެ 24 ޖޫން ވާ ބުދަ ދުވަހު، މާލޭ ސަރަހައްދުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދިއްދޫގެ މި ކާމިޔާބީއަކީ ހަމައެކަނި އެ ރަށަށް ލިބުނު ކުރިއެރުމެއް ނޫނެވެ. މިއީ މުޅި ބޮޑު ތިލަދުންމައްޗަށްވެސް ފުޓްބޯޅައިގެ ދާއިރާއިން ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފަކާއި ރީތި ނަމެކެވެ.