އަރީބް އަށް ނައިބްކަން ދޭން ޕީޕީއެމްއިން ނިންމައިފި!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް ކަމުގެ ރޭހުގައި ވާދަވެރިކަން ބޮޑުވެފައިވަނިކޮށް، އިންތިހާބީ ޕީޕީއެމް ކައުންސިލަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން އިހަވަންދޫ ކައުންސިލްގެ ނައިބްރައީސް ކަން މުހައްމަދު އަރީބްއަށް ދިނުމަށް ފާސްކޮށްފިއެވެ.

ޕީޕީއެމް ސްޓިއަރިންގް ކޮމިޓީގައި އިންނަވާ ބޭފުޅަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނައިބް ރައީސަށް ވޯޓްދޭނެ ކައުންސިލަރަކު ހޮވުމަށް ބޭއްވުނު ބައްދަލުވުމުގައި ވޯޓް ދިނުމުގެ ފުރުސަތު ދީފައިވަނީ އިންތިހާބީ ރައީސްގެ އިތުރުން އަންހެން ކަނބަލުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބުވެފައިވާ 2 އިންތިހާބީ ކައުންސިލަރުންނާއި ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެފައިވާ 3 އިންތިހާބީ ކައުންސިލަރުންނަށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނައިބް ރައީސްކަމަށް ތިން ކައުންސިލަރަކު ޝައުގުވެރިކަން ފާޅުކޮށް ވާދަކުރިއެވެ. އެކީ މުހައްމަދު އަރީބް، އަހްމަދު ރިޞްވާން އަދި މުހައްމަދު ޒާހިރުއެވެ. އަރީބް، 6 ވޯޓްގެ ތެރެއިން 3 ވޯޓް ކާމިޔާބު ކޮށްފައިވާއިރު ޒަހީރުވަނީ 2 ވޯޓް ކާމިޔާބުކޮށްފައެވެ. ރިޞްވާނަށް ކާމިޔާބު ކުރެވުނީ އެއްވޯޓެވެ.

ޕީޕީއެމްގެ އިންތިހާބީ ކައުންސިލަރުންގެ މެދުގައި އަރީބަށް ނައިބް ރައީސްކަން ދިނުމަށް ނިންމާފައިވީނަމަވެސް، ކައުންސިލްގެ ނައިބް ރައީސް ރަސްމީކޮށް ކަނޑައަޅާނީ މިއަދު އޮންނަ އައު ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ބާއްވާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އެހެން އިންތިހާބުތަކާއި ހިލާފަށް މިދިޔަ އިންތިހާބުގައި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކޮށްފައިވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ނަމަވެސް ކައުންސިލްތަކުގެ ނާއިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުން އަދި ޑެޕިއުޓީ މޭޔަރުން އިންތިހާބު ކުރާނީ އިންތިހާބުގެ ކައުންސިލަރުންގެ މެދުގައި ކައުންސިލަރުންގެ ފުރަތަމަ ބައްދަލްވުމުގައެވެ.