މައިކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް A ގައި މިއަދު ހަވީރު އެސްއާރު ހީވެސްނުކުރާތި ޑާކު ޕޮއިންޓް ބަލިކޮށް މާރަންދޫ ޔޫތް ސޮސައިޓީ އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ސެމީން ޖާގަ ހޯދައިފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައާއި ދެވަނަ ހާފުގައި މާރަންދޫ ޓީމުގެ ޖާޒީ ނަމްބަރ 6، ޙުސައިން ކާމިޔާބު ކޮށްދިން ދެލަނޑާއެކު 2-0 ން މާރަންދޫ މެޗު ކާމިޔާބުކުރިއިރު މުޅި މެޗު ކޮންޓްރޯލްކޮށް މޮޅަށްކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ މާރަންދޫ ޓީމެވެ. އެސްއާރު ހީވެސްނުކުރާތި ޑާކު ޕޮއިންޓުގެ ފަރާތުން ވަރުބަލި ކުޅުމެއްފެނިގެންދިޔަ މިމެޗުގެ ނަތީޖާއަށްފަހު A ގްރޫޕުން ސެމީން ޖާގަ ލިބުނު ދެޓީމު މިހާރުވަނީ ކަށަވަރު ވެފައެވެ. މިގްރޫޕުގައި މާދަމާ ހަވީރު ޖަންގަލް ޑާކު ޕޮއިންޓް ނުވިކޭނަން ޓީމާ ދެކޮޅަށް ނިކުންނަ ނަފުސު ވަޔަށްކެހޭ ކުޅުނު ތިންމެޗު ކާމިޔާބުކޮށް ފަސޭހަކަމާއެކުވަނީ ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
މިމަހުގެ 29 ވަނަ ދުވަހު ކުޅޭ ސެމީފައިނަލް ދެމެޗުގައި ނަފުސު ވަޔަށްކެހޭ އަދި މާރަންދޫ ޔޫތު ސޮސައިޓީއާ ދެކޮޅަށް ނިކުންނާނެ ޓީމެއް އިނގޭނީ ގްރޫޕް B ގެ މެޗުތައް ކުޅެ ނިމުމުންނެވެ. ޝެޑިއުލްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ B ގްރޫޕްގެ ދެމެޗް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިހާރުވަނީ މާދަމާގެ ހެނދުނަށް ބަދަލުކޮށްފަ އެވެ.