ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހިނގާލުން އޮންނާނީ ހއ.ދިއްދޫ އާއި އިހަވަންދޫގެ އިތުރުން ހދ.ކުޅުދުއްފުށީގައިކަމަށެވެ.
ސިފައިންގެ ޝަރަފުގެ ހިނގާލުން ކުޅުދުށްފުށީގައި އޮންނާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ހުކުރު ދުވަހު ދިއްދޫގައި މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވާއިރު އިހަވަންދޫގައި މި ހިނގާލުން އޮންނާނީ ހޮނިހިރު ދުވަހުއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ތިން ރަށުގައިވެސް ހިނގާލުން އޮންނާނީ އެރަށްތަކުގެ އެންމެ ބޮޑެތި މަގުތަކުގައި އެދުވަހު ހަވީރު 4 ޖަހާއިރުކަމަށެވެ. އަދި އެރޭ ސިފައިންގެ ކޯޕަރޭޓިވް(ސިފްކޯ ) ގެ ހެޔޮއެދުންތަކާއި އެކު އެރަށްރަށުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޝަރަފުގެ ހިނގާލުމަކީ އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބާއްވާ ފުރަތަމަ ޝަރަފުގެ ހިނގާލުމެވެ. މީގެ ކުރިން މިފަދަ ކޯސްތަކުގެ ދަސްވެނިވުމުގެ ޝަރަފުގައި ބާއްވާ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކުއަރޓާޒެއްގައި ބާއްވަމުން ދިޔަ ހިނގާލުންތަކެކެވެ. އެމްއެންޑިއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުން ފެށިގެން އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވަނީ ރަށްރަށުގެ ރައްޔިތުންނަށް މިފަދަ ޝަރަފުގެ ހިނގާލުންތައް ކައިރިން ބަލާލުމުގެ ފުރުސަތު ހޯދައިދުނުމުގެ މަޤްސަދުގައެވެ.
ސިފައިންގެ 66ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. 3 މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ކޯހުގެ ދަސްވެނިވުން ފާހަގަކުރަން ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީއެވެ.
66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ފާހަގަކުރަން ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ޝަރަފުގެ ހިނގާލުން ބޭއްވޭ ރަށްރަށުގައި ސިފައިންގެ ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ހޯދަން ޝައުގުވެރިވާ ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑިއެފްއިން މައުލޫމާތު ދެއްވައެވެ.
އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްއާއި އެރަށްރަށުގެ ކައުންސިލް އިދާރާތައް ގުޅިގެންނެވެ.