ބޮޑު ބަންދުގައި އިމަގު ޖަމިއްޔާއިން ގިނަ ހަރަކާތްތަކެއް

ޢަބުދުﷲ ޙަމީދު

ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ލިބޭ ބޮޑު ޗުއްޓީއާ ދިމާކޮށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކުރައްވައިފިއެވެ.

މިގޮތުން އިމަގު ޖަމިއްޔާއިން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން، حَيَّ عَلَىٰ ٱلصَّلاة ގެ ނަމުގައި ކުރިއަށް ގެންދާ ޕުރޮގުރާމަކީ ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދިނުމަށް ހިންގާ ޕުރޮގުރާމެކެވެ. 4 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ މިޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 30 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ޖުލައި 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕުރޮގުރާމުގައި ކިޔަވާ ދެއްވުމަށް ހަމަޖެހިފައި ވަނީ ޝައިޙް ޢަބުދުލް ޤާދިރު މުޙައްމަދު އެވެ. އޮންލައިންކޮށް ފުރާލެވޭ ފޯމަކުން މި ޕުރޮގުރާމުގައި ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

حَيَّ عَلَىٰ ٱلصَّلاة ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު

ޗުއްޓީއާ ދިމާކޮށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން އިމަގު ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރ އަލްފާޟިލް ސައުދުﷲ އަޙުމަދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަރަކާތްތަކަކީ، ޗުއްޓީގައި ހަމައެކަނި ކުޅިވަރުގައި ހޭދަ ކުރުމުގެ ބަދަލުގައި ފައިދާ ކުރުވަނިވި  ގޮތަކަށް ޗުއްޓީގެ ދުވަސްތައް ހޭދަކުރުމަށް ދަރިވަރުންނަށް ބާރު އެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކެއް ކަމަށެވެ. މިގޮތުން ލިޔުންތެރިކަން ދަސްކޮށްދޭ ޕުރޮގުރާމް ތަކެއްވެސް ހިންގުމަށް ރޭވިފައިވާކަން ފާހަގަކުރައްވާ، މި ޕުރޮގުރާމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް އިޢުލާނު ކުރާނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

އިމަގު ޖަމިއްޔާއިން ޗުއްޓީގައި ހިންގާ ޕުރޮގުރާމުތަކުގެ ތެރެއިން ދެން އިޢުލާނު ކޮށްފައިވަނީ “މިންނަތް” ޕުރޮގުރާމެވެ. މިއީ ގުރޭޑް 2،1 އަދި 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޕުރޮގުރާމެކެވެ. މިހަރަކާތުގައި ބައިވެރިވާ ކުދިންނަށް ގަސް އިންދާ ހައްދާނެ ގޮތުގެ ޓްރޭނިން ދޭއިރު، ބައިވެރިންނަށް ސުކޫލު ބަންދުގެ ދުވަސްތަކުގައި ގޭގައި ގަހެއް އިންދާ ބަލަހައްޓަން ޖެހޭނެ އެވެ. މި ޕުރޮގުރާމް ފުރިހަމަ ކުރާ ކޮންމެ ކުއްޖަކަށް ހަދިޔާއަކާއި ބެޖެއް ލިބޭނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރައްވައެވެ. މިޕުރޮގުރާމުގައި ވެސް އޮންލައިންކޮށް ފުރާލެވޭ ފޯމަކުން ބައިވެރިވެވޭއިރު، “މިންނަތް” ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

“މިންނަތް” ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު