މާރަންދޫގައި ބީއެމްއެލް އެޖެންޓެއްގެ ހިދުމަތް ފަށައިފި

މުޙައްމަދު އަކުރަމް

މުޅި ރާއްޖެއަށް ބެންކިންގ ޚިދުމަތް ފުޅާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވެސްގެ ކޭޝް އެޖެންޓުން މެދުވެރިކޮށް އަލަށް ހިދުމަތްފެށި 12 ރަށުގެ ތެރޭގައި ހއ. މާރަންދޫ ހިމެނިއްޖެއެވެ. އަލަށް ބީއެމްއެލްގެ އެޖެންޓުން މެދުވެރިކޮށް ޚިދުމަތް ދޭންފެށި ރަށްތަކަކީ ހއ. މާރަންދޫގެ އިތުރުން ހދ. ކުމުންދޫ، ހދ. ނެއްލައިދޫ، ހދ. ފިނޭ، ށ. ނަރުދޫ، ށ. ފޭދޫ، ށ. މަރޮށި، ނ. ޅޮހި، ނ. މާޅެންދޫ، ރ. އިންނަމާދޫ، ބ. ފުޅަދޫ އަދި މ. ކޮޅުފުއްޓެވެ.

މާރަންދޫގެ ބީއެމްއެލް ކޭޝް އެޖެންޓަކީ “އުންދޭ” ފިހާރައެވެ. މިހިދުމަތް ފެށުމާއިއެކު ބޭންކްގެ އަސާސީ ހިދުމަތްތައް ހޯދުމަށް މާރަންދޫ ރައްޔިތުން ރަށުންބޭރަށް ކުރަމުންދިޔަ ދަތުރުތަކަށް ލުޔެއްލިބިގެންދާނެއެވެ.

ބީއެމްއެލްގެ އެޖެންޓުން މެދުވެރިކޮށް ކޮންމެދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށް ވެސް ފައިސާ ދެއްކޭނެއެވެ. މީގެއިތުރުން ކަސްޓަމަރަކަށް އިތުރު ފީއަކާ ނުލައި ދުވާލަކު 2000 ރުފިޔާ ނެގޭނެއެވެ.

މުޅި ރާއްޖެއަށް ބެންކިންގ ޚިދުމަތް ފުޅާކުރުމަށްޓަކައި ބެންކުން ކޭޝް އެޖެންޓުންގެ ޚިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ ބީއެމްއެލްގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބެންކިންގ ޚިދުމަތް ދިނުމަށް ތައާރަފްކުރެވުނު ޚިދުމަތެކެވެ.