ޚަބަރު

ފިނޭންސް މިނިސްޓްރީގެ ހުއްދަނުލިބިގެން އިހަވަންދޫ ކައުންސިލްގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި

ފިނޭންސް މިނިސްޓްރީގެ ހުއްދަނުލިބިގެން އިހަވަންދޫ ކައުންސިލްގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި
Advertisement Advertisement
މިނިސްޓްރީ އޮފް ފިނޭންސްއިން ލިބެންޖެހޭ ހުއްދަތައް ނުލިބުމުގެ ސަބަބުން، ހއ. އިހަވަންދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ގިނަ ހިދުމަތްތަކަކާއި ތަރައްގީގެ މަސައްކަތްތަކެއް ހުއްޓިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ހަރަދުކުރުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ގިނަ ކަންތައްތަކުގެ ތެރެއިން މިއަހަރު މިހާތަނަށް ހުއްދަ ލިބިފައިވަނީ ހަމައެކަނި ރަމަޞާންމަހު މިސްކިއްތަކުގައި ތަރާވީހް ނަމާދުކުރުމަށް ހާފިޒުން ގެނައުމަށް ކުރަންޖެހޭ ހަރަދުތަކަށް އެކަންޏެވެ. ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިފަހުން ގެނައި އިސްލާހުގެ ދަށުން، ކައުންސިލެއްގެ ދައުރުގެ ފަހު އަހަރު ނުވަތަ އިންތިހާބީ އަހަރުގައި ކައުންސިލްތަކުން ކުރާ ގިނަ ހަރަދުތަކާއި ނިންމާ ގިނަ ނިންމުންތަކަށް މައި ސަރުކާރުގެ ވުޒާރާތަކުގެ ހުއްދަ ހޯދުމަށް ވަނީ ލާޒިމުކޮށްފައެވެ. މީގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި، ހުއްދަ ނުލިބިގެން ހުއްޓިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި:
  • ރަށުގައި ދުވާ ޓްރެކެއް ހެދުން.
  • ޕަބްލިކް ވޯކްސް އޭރިޔާގެ ފެންސް ރިލޮކޭޓް ކުރުން.
  • ރައްވެހިގޭގެ ކަރަންޓް ވަޔަރިންގ އަށް ބޭނުންވާ ތަކެތި ހޯދުން.
  • މަގުބައްތި ޖެހުމަށް ބޭނުންވާ ސާމާނު ހޯދުން.
  • އާމިނާދިޔޯ ސިއްޙީ މަރުކަޒަށް ބޭނުންވާ ސާމާނު ހޯދައިދިނުން.
  • ރަށުގެ ގޭބިސީތަކަށް ހަދިޔާކުރާ އައުޓްޑޯ ޑަސްބިން ގަތުން.
  • ކައުންސިލްގެ ވެހިކަލްތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެއްޗާއި ތެޔޮ ގަތުން ހިމެނެއެވެ.
މި ހުރިހާ ކަމަކަށް ބޭނުންވާ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މަސައްކަތަކަށް ހަރަދުކުރުމަށް ހުއްދަ ލިބިފައިނުވާކަމަށްވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2026 ވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި އިހަވަންދޫ ކައުންސިލަށް ބްލޮކް ގްރާންޓްގެ ގޮތުގައި 22,498,885 (ބާވީސް މިލިއަން، ހަތަރު ލައްކަ ނުވަދިހަ އަށްހާސް، އަށްސަތޭކަ އަށްޑިހަ ފަސް) ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ހުއްދަ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން އެ ބަޖެޓުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ. ފާހަގަކުރެވޭ ގޮތުގައި އިހަވަންދޫ ކައުންސިލްގައި ތިއްބަވާ 7 ކައުންސިލަރުންގެ ތެރެއިން 6 ކައުންސިލަރުން މިފަހަރުގެ ލޯކަލް ކައުންސިލް އިލެކްޝަންގައި ވާދަކުރެއެވެ. 4 ކައުންސިލަރުން ޕީއެންސީ ޓިކެޓްގައި ވާދަކުރާއިރު 2 ކައުންސިލަރުން ވާދަކުރަނީ އަމިއްލަގޮތުންނެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް