Banner Image Description

އިހަވަންދޫ ޑަބުލިޔު ޑީސީން އިސްނަގައިގެން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރަނީ

.

ހއ އިހަވަންދޫ ގައި މި އަހަރުގެ އަންހެނުންގެ ދުވަސްފާހަގަ ކުރުމަށް ހަރަކަތްތަކެއް ރާވަމުން އެބަދެއެވެ.  އިހަވަންދޫ ޑަބުލިއު ޑީ ސީ އިން އިސް ނަގައިގެން އިހަވަންދޫގެ ކުލަބު ޖަމިއްޔާތަކާ، ކައުންސިލާ ގުޅިގެން މާރިޗް 8 އިން 11 އަށް ކުރިއަށް ގެންދިއުމަށްޓަކައި ތަފާތު ހަރަކާތްތަކެއް ރާވާ ޖަމިއްޔާތަކާ މަޝްވަރާކޮށް ނިމިފައިވާ ކަމަށް ޑަބުލިއު ޑިސީގެ ރައީސާ ރަޝީދާ ހަސަން މީނުހަށް މައުލޫމާތު ދެއްވައެވެ.

ރަޝީދާ ހަސަން ވިދާޅުވީ “މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެނުން ބާރުވެރި ކުރުމަށް މައުލުމާތު ދިނުމުގެ ސެޝަން އަކާއި، ދުވަހާ ގުޅިގެން، ދުވުމުގެ ހަރަކާތަކާއޮ، ކެއްކުމުގެ މުބާރާތަކާއި ޝަރަފުވެރިންގެ އެވޯޑު ނައިޓެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ރަށުގެ އެކިސަރަހައްދު ތަކުގައި ބެހެއްޓުމަށް އަންހެނުން ބާރުވެރިކުރުމަށް މެސެޖުތަކެއް ހިމެނޭ ބެނާތަކެއް ތައްޔާރުކޮށް ކައުންސިލަށް ބެނާތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ރަޝީދާ މައުލޫމާތު ދެއްވައެވެ.

މިހަރަކާތުގައި ރަށުގެ އެންމެހާ ކަނބަލުން ބައިވެރިވުމަށް ހަރަކާތް ހިންގާ ފަރާތްތަކުން ދައުވަތު އަރުވައެވެ.

މާރިޗު މަހުގެ 8 ވަނަ ދުވަހަކީ އިޤުތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުން ނައްތާލުމަށާއި، އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ އަންހެނުންގެ ދުވަހެވެ.