އިމަގު ޖަމިއްޔާގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ

ޢަބުދުﷲ ޙަމީދު

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެއެވެ.

އިހަވަންދޫގައި ކީރިތި ޤުރުޢާނުގެ ހަމަތަކުގެ މަތީން އުނގެނުމާއި، އުނގަންނާދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލްކަން އުފެދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި  ރަށު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތްކުރުމުގެ އިތުރުން ދިވެހިރާއްޖޭގައި ބޭއްވޭ ޤައުމީ ޤުރުއާން މުބާރާތާއި އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިކުރާނޭ ކުދިން ހޮވުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ މި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިރޭ 23:59 އެވެ.

ހިތުން ކެޔެވުމުގެ ގޮތްފާއި ފޮތުން ކިޔެވުގެ ގޮތްފާއެކު ދެގޮތްފަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޤުރުއަން މުބާރާތުގައި މުބާރާތުގެ ވަނަ ހޮވުން ކުރިއަށް ދާނީ ދެ ބަޔަކަށް ބަހާލެވިގެންނެވެ. އެއީ މުބާރާތުގެ ޖޫނިއަރ ބައި (9 އަހަރުން ދަށުގެ ޢުމުރުފުރާތަކުން) އަދި މުބާރާތުގެ ސީނިއަރ ބައި (9 އަހަރުން މަތީގެ ޢުމުރުފުރާތަކުން) ނެވެ. މުބާރާތުގެ ޖޫނިއަރ ބައިން ހުރިހާ އުމުރުފުރާއަކަށް ބެލުމަށްފަހު އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވޭނެއެވެ. އަދި މީގެ އިތުރުންވކޮންމެ އުމުރުފުރައަކުން އެންމެ މޮޅު 5 ބައިވެރިންހޮވޭނެއެވެ. މުޅި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނަ ހޮވުމުގައި ޖޫނިއަރ ބަޔަކަށް ނުބެލެވޭނެ ކަމަށާއި މުބާރާތުގެ ސީނިއަރ ބައިން ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވޭނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރެއެވެ.

މުބާރާތުގެ ގަވާއިދު އިމަގު ޖަމިއްޔާގެ ރަސްމީ ފޭސްބުކު އެކައުންޓުން ލިބެން ހުރިއިރު، ގޫގުލް ފޯމެއް ފުރާލައިގެން މިމުބާރާތުގައި ބައިވެރިވެވޭނެ އެވެ. (މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު)

އިމަގު ޖަމިއްޔާއިން ބާއްވާ ޤުރުއާން މުބާރާތުގެ ނަން “އަލްމަރުޙޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދެވެނީ އެ ޖަމިއްޔާގެ އެއް މުއައްސިސްކަމަށްވާ ހއ. އިހަވަންދޫ ވައިޖެހޭގެ (ހ. ރިވޯރޑް) ހުސައިން ޒުހައިރުގެ ނަން ދިރުވާ އާލާކޮށް، އެ މަރްޙޫމްގެ ޒިކުރާ އާލާކުރުމުގެ މަޤްޞަދުގައެވެ.

މިމުބާރާތުގެ 1 ވަނަ އަށްދާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމް އަދި 2 ވަނަ އަށް ހޮވޭ ބައިވެރިއަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމު އަދި 3 ވަނަ އަށް ހޮވޭ ބައިވެރިއަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅިފައިވާ ކަމަށް އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.

މި މުބާރާތް މެދުނުކެނޑި ކުރިއަށް ގެންދާތާ މިހާތަނަށް 17 އަހަރުވެފައިވާއިރު މީގެ ކުރިން މި މުބާރާތް އެންމެ އާދައިގެ ގޮތެއްގައި ކުރިއަށް ގެންދިނަމަވެސް މިހާރުވަނީ މުބާރާތަށް ތަފާތު އެތައް ބަދަލުތަކެއް ގެނެވިފައެވެ.