ކުލަބު ޕޯލްސްޓަރގެ 20 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ކުލަބު ޕޯލްސްޓަރގެ 20 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެކުލަބުން ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ކަމަށް ޕޯލްސްޓަރ އިން ބުނެއެވެ. އެއީ މުބާރާތުގެ ހާއްސަ ބައި އަދި އާއްމު ބައެވެ. މުބާރާތުގެ ހާއްސަބައި ގައި ބައިވެރިވެވޭނީ 8 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި އާއްމުބައި ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށް ޕޯލްސްޓަރ އިން ބުނެއެވެ.

މިހިނގާ ރަމަޟާން މަހުގެ ފަހު 10ގެ ތެރޭގައި މި ޤުރުއާން މުބާރާތުގެ ކިޔެވުން އޮންނާނެ ކަމަށް ކުލަބު ޕޯލސްޓަރ އިން ބުނެފައިވާއިރު، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ (18 އޭޕްރީލް) ނިޔަލަށެވެ.

މިމުބާރާތުގެ 1 ވަނަ އަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމު، 2 ވަނަ އަށް 3000 ރުފިޔާގެ ފައިސާގެ އިނާމު އަދި 3 ވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައި ވެއެވެ.

ޕޯލްސްޓަރ އިން އެންމެ ފަހުން ބޭއްވި އެކުލަބުގެ 19 ވަނަ ޤުރުއާން މުބާރާތުގެ 1 ވަނަ އަށް ހޮވިފައި ވަނީ  އާމިނަތު ނަސްރަތު އާދަމް،  އަލިދޯދި އެވެ.

މިމުބާރާތުގައި އޮންލައިންކޮށް ފުރިހަމަކޮށްލާ ފޯމަކުން ބައިވެރިވެވޭނެ އިންތިޒާމު ޕޯލްސްޓަރ އިން ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު