އޮޅޭގޮތަށް މައުލޫމާތު ފަތުރާކަމަށްބުނެ އިތުރަށް އޮޅޭގޮތަށް ބަޔާނެއް ނެރެފި

.

ފުޓްސަލް ދަނޑުގައި ވޮލީކޯޓެއް ޖެހުމާއި ބެހޭގޮތުން، ރައްޔިތުންނަށް ހަޤީހަތް އޮޅޭގޮތަށް ބައެއްފަރާތަކުން މައުލޫމާތު ފަތުރަމުންދާ ކަމަށްބުނެ ރައްޔިތުންނަށް އިތުރަށް އޮޅުން އަރާގޮތަށް ކައުންސިލުން ބަޔާނެއް ނެރެފިއެވެ. ކައުންސިލްގެ ބަޔާނުގައިވާގޮތުން ފުޓްސަލް ދަނޑުގެ ޓާފް ހަލާކުވެ ގިނަދުވަސްވުމާއި ގުޅިގެން، ހަލާކުވެފައިވާ ޓާފްތައް ނެގުމަށްފަހު، އެދަނޑުގައި ކުރިން އަޅާފައިހުރި ޕްލާސްޓިކް މެޓްތައް އެޅުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. އެމަސައްކަތް ނިމުމުން ފުޓްސަލް ދަނޑުގެ ބޭނުން ދެޖިންސްގެ ޒުވާނުންނަށް ހިފޭނޭކަމަށައި، ފުޓްސަލް ދަނޑު ވޮލީކޯޓަކަށް ބަދަލުކުރުމަށް ކައުންސިލުން ނިންމާފައި ނުވާނެކަމަށް، ކައުންސިލްގެ ބަޔާނުގައިވެއެވެ.

ކައުންސިލްގެ ސީނިޔާ މުވައްޒަފަކު މިނޫހާއި ވާހަކަދައްކަމުންބުނީ، ވޮލީ ކުޅޭ ކަނބަލުން ކައުންސިލަރުންނާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު ފުޓްސަލް ދަނޑުގައި ވަގުތީ ވޮލީ ކޯޓެއް ޖެހުމަށް ނިންމިކަމަށެވެ. އަދި ކައުންސިލުން ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށްވެސް އެމަސައްކަތްކުރުމަށް ކިޔާފައިވަނީ ފުޓްސަލް ދަނޑުގައި ވަގުތީގޮތުން ވޮލީކޯޓެއް ޖެހުމުގެ މަސައްކަތަށް ނުކުތުމަށް ކަމުގައެވެ. އޭނާވަނީ ކައުންސިލުން އޭނާއަށް ފޮނުވި މެސެޖްވެސް މިނޫހާ ހިއްސާކޮށްފައެވެ. އޭނާ ބުނީ ކައުންސިލްގެ ބަޔާނުގައި، ފުޓްސަލް ދަނޑު ވޮލީކޯޓަކަށް ބަދަލުކުރުމަށް ކައުންސިލުން ނިންމާފައި ނުވާނެކަމަށް ބުނެފައިވާ ވާހަކައަކީ ތެދެއްކަމަށެވެ. އެފަދަ ކަމެއް ކައުންސިލްގެ ބައްދަލުވުމެއްގައި ނިންމާފައެއްނުވާކަމަށް އޭނާބުންޏެވެ. ފުޓްސަލް ދަނޑު ބަންދުކުރަން ނިންމީ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި ފާސްކޮށްގެންނެވެ.

ކައުންސިލްގެ ބަޔާނާއި ގުޅިގެން ވޮލީކުޅޭ ބައެއް ކަނބަލުންވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ. ކައުންސިލާއި އެކު ކުރެވުނު މަޝްވަރާއަށްފަހު ވަގުތީ ވޮލީކޯޓް ޖަހަން ފުޓްސަލް ދަނޑު ކަނބަލުން ލައްވާ ސާފުކުރި ބޭނުމާއި މެދު ސުވާލު އުފައްދަމުންނެވެ.

މިކަމާއި ގުޅިގެން ޕީޕީއެމްގެ ވައިބާ ގްރޫޕެއްގައި ދައްކާފައިވާ ބައެއްވާހަކަ މިނޫހަށްވަނީ ލިބިފައެވެ. ޕީޕީއެމްގެ އާންމު މެމްބަރު މިކަމާއި ގުޅިގެން ފާޅުކޮށްފައިވާ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ ފުޓްސަލް ދަނޑު ތައްޔަރުކުރަނީ ވޮލީވެސް އަދި ފުޓްސަލްވެސް ކުޅެވޭ ގޮތަށްކަމަށެވެ. އަދި ކައުންސިލްގެ ބަޔާން ތަރުޖަމާ ކޮށްދެއްވަމުން ވިދާޅުވީ ބަޔާނުގައި އެބުނަނީ ފުޓްސަލް ދަނޑު ވޮލީ ކޯޓަކަށް ބަދަލުނުކުރާ ވާހަކަ ކަމަށާ، ވަގުތީ ވޮލީ ކޯޓެއް ނުޖަހާ ވާހަކަ ނޫންކަމުގައެވެ.