މަލްޓި ޕާޕޯސްހޯލް އަންނަހަފްތާގައި އެމްޓީސީއާއި ހަވާލުކުރެވޭނެ – އެޑިއުކޭޝަން މިނިސްޓަރ

މުޙައްމަދު އަކުރަމް

އިހަވަންދޫ ސްކޫލްގައި އިމާރާތްކުރަމުންދާ މަލްޓި ޕާޕޯސްހޯލްގެ ނުނިމިހުރި މަސައްކަތްތައް އަންނަ ހަފުތާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރާނެކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢާއިޝަތު ޢަލީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޝިފާއު މިނިސްޓަރާއި ކުރެއްވި ސުވާލުގައި ފާހަގަކުރެއްވީ، އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސްހޯލް ނުނިމި ލަސްވާތީ އެކަމުގައި ބެލެނިވެރިންގެ ކަންބޮޑުވުން ވަރަށްބޮޑަށް އެބައޮތްކަމަށާއި، އިހަވަންދޫ ސްކޫލަކީ އާބާދީބޮޑު ޖާގައިގެ ގޮތުންދަތި ސްކޫލަކަށްވާއިރު މަލްޓި ޕާޕޯސް ހޯލްގެ ނުނިމިހުރި މަސައްކަތް ބަޔަކާއި ހަވާލުކުރެވި ކޮންޓްރެކްޓް ކުރެވޭނީ ކިހާތާކުތޯ ސާފުކުރަން ބޭނުންވާކަމުގައެވެ. މިނިސްޓަރު ޖަވާބުގައި ވިދާޅުވީ، އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގެ މަސައްކަތްވީ ޓެންޑަރ ބޯޑްގައި ކަމަށެވެ. އަދި އެމަސައްކަތް މިހާރު އެމްޓީސީސީއާއި ހަވާލުކުރަން ނިންމާފައިވާ ކަމަށާ، އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގައި މަސައްކަތް އެކުންފުންޏާއި ހަވާލުކުރެވޭނެ ކަމުގައެވެ.

ތަކުރާރުކޮށް އެސްކޮން ބިލްޑަރސްއިން އެއްބަސްވުމާއި ހިލާފުވެފައިވާތީކަމަށްބުނެ، އިހަވަންދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުންވަނީ އުވާލާފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު މިމަޝްރޫއު އެސްކޮން ބިލްޑަރސްއާއި ހަވާލުކުރީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެސްކޮންއާއި އެކު ވެފައިވާ އެއްބަސްވުން އުވާލިއިރު ހޯލްއިމާރާތުގެ ކޮންކްރީޓްގެ މަސައްކަތާއި ރޭނުމުގެ ބޮޑުބަޔެއްވަނީ ނިމިފައެވެ. އިހަވަންދޫ ސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 418 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، 4 ފާޚާނާ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުރެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ.