ބޯޓްޔާޑެއް ތަރައްޤީކުރުމަށް، އިހަވަންދޫއިން 2 ލައްކަ އަކަފޫޓްގެ ބިމެއް 50 އަހަރަށް އެމްޓީސީސީއަށް

މުޙައްމަދު އަކުރަމް

ބޯޓްޔާޑެއް ތަރައްޤީކުރުމަށް، އިހަވަންދޫއިން 2 ލައްކަ އަކަފޫޓްގެ ބިމެއް އެމްޓީސީއާއި ހަވާލުކޮށްފިއެވެ. ބިންހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކުރީ އިއްޔަ އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރީ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ބޯޓްޔާޑެއް ތަރައްޤީކުރުމަށް އެމްޓީސީސީއަށް މިބިން ދޫކޮށްފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. މިއެއްބަސްވުމުގެދަށުން ބިމުކުލި ނަގާގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމްޓީސީސީއިން މިބިމުގައި ބޯޓްޔާޑް ތަރަށްޤީކުރާއިރު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ޒޯން 1 ގެ ސާވިސް ސެންޓަރުވެސް ގާއިމްކުރާނެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، މިއަހަރުތެރޭ ބޯޓްޔާޑް ތަރަށްގީކުރުމުގެ މަސައްކަތް ފަށާނެކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެމްޓީސީސީއިން ދީފައިވާކަމުގައެވެ. އަދި އެތަނުން ދޯނިފަހަރުގެ އިތުރުން ބޯޓްފަހަރަށްވެސް ހިދުމަތްދެވޭ ފެންވަރަށް ތަރަށްޤީކުރާނެކަމަށް އެމްޓީސީސީއިން މައުލޫމާތެ ދެއްވާކަމަށް ވިދާޅުވިއެވެ. ސޮބާހް ވިދާޅުވީ މިފަދަ މަޝްރޫއުއެއް އިހަވަންދޫގައި އެމްޓީސީސީއިމް ކުރިޔަށް ގެންދާތީ، އިހަވަންދޫގެ ރައްޔިތުންގެ ނަމުގައި އެކުންފުންޏަށް ޝުކުރު އަދާކުރާކުމުގައެވެ.