އައި.ޑަބުލިއު.ސީ.ޖީ ކޮއްކޮމެންގެ މަދަޙަ މުބާރަތް ފެށެނީ...

.

ކޮވިޑް 19 އާ ގުޅިގެން މިވަގުތު ގޭގައި ތިބެން ޖެހުމުގެ ސަބަބުން ފޫހި ވެފައި ތިބި އިހަވަންދޫގެ ކުޑަ ކުދިންނަށް އުފާވެރި ޚަބަރެއްގެ ގޮތުން، އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕުން  ރަމަޟާން މަހަށް ހާއްސަކޮށް މަދަޙަ މުބާރާތެއް ބާއްވަން ނިންމާފިއެވެ.

އައި.ޑަބްލިއު.ސީ.ޖީ ކޮއްކޮމެންގެ މަދަޙަ މުބާރަތް 2020 ގެ ނަމުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މައިގަނޑު މަޤުސަދަކީ ތުއްތު ކުދިންގެ ހިތުގައި މަދަޙަ ސަނާއާއި ދުޢާ އަދި ދީނީ ޅެން ކިޔުމުގެ ޝައުޤު އުފެއްދުމާއެކު، އެކުދިންގެ ހުނަރުތައް ދެނެގަތުމަށް ފުރުސަތެއް ހުޅުވައިލަ ދިނުމެވެ. ކޮވިޑް 19 އާ ގުޅިގެން ގިނަ ޤައުމުތަކެއް ފުރަބަންދުކޮށްފައި ވާއިރު، ދިވެހިރާއްޖޭގެ ސަރުކާރުން ވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކޮށް ރައްޔިތުން ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައިވާއިރު، މި ކަމަށް ބާރު އެޅުމަކީ ވެސް މި މުބާރާތުގެ އެއް އަމާޒެވެ.

މި މުބާރާތް ކުރިއަށް ގެންދަން ނިންމައިފައި ވަނީ މައިގަނޑު 3 އުމުރުފުރައަކަށް ބަހައިލައިގެންނެވެ. އެއީ 3 އަހަރާއި 5 އަހަރާ ދެމެދު، 5 އަހަރާއި 7 އަހަރާ ދެމެދު އަދި 7 އަހަރާއި 9 އަހަރާ ދެމެދުގެ އުމުރު ފުރާއެވެ. މީގެ އިތުރުން ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ވެސް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. އަދި ކޮވިޑް 19 އާ ގުޅިގެން ހާއްސަ ކަމެއްގެ ގޮތުން މި މުބާރާތުގައި ބައިވެރިވާ ކުދިން ގޭގައި ތިބެ މަދަޙަ ކިއުމަށް ފަހު ވީޑިއޯ ފޮނުވާ ގޮތަށް ވަނީ ހަމަ  ޖައްސާފައެވެ.

ހަމައެކަނި އިހަވަންދޫގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެނދަން ހަމަޖެހިފައިވާ މި މުބާރާތައް ނަން ނޯޓު ކުރުމުގެ ފުރުސަތު މި ހިނގާ އެޕްރީލް މަހުގެ 12 ވާ އާދިއްތަ ދުވަހުގެރޭ 0:002 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. މުބާރާތުގައި ބައިވެރިވުމަށް ކުއްޖާގެ ނަމާއި، އެޑްރެސް، ގުޅޭނެ ފޯން ނަންބަރު އަދި އައިޑީ ކާޑު ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓްގެ ފޮޓޯ އައި.ޑަބްލިއު.ސީ.ޖީ ގެ ފޭސްބުކް ގްރޫޕް އަދި މި ކޮމިޔުނިޓީ ގްރޫޕުގެ ވައިބަރ ނަންބަރު 7282329 އަށް ފޮނުވޭނެއެވެ. ނުވަތަ އައި.ޑަބްލިއު.ސީ.ޖީ ގެ މެއިލް އެޑްރެސް [email protected] އަށް މެއިލްވެސް ކުރެވޭނެއެވެ.

މުބާރާތުގެ ފަޑިޔާރުންގެ ގޮތުގައި މަޝްހޫރު ހަބޭސް ބޮޑު ބެރު ގުރޫޕުގެ ދެ ވޯކަލިސްޓުން ކަމަށްވާ އުބޭދުﷲ އަޙްމަދާއި މޯލްޑިވިއަން އައިޑަލް އިންވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިބްރާހިމް ވަހީދު ( ބޮޑުބެ ) ބައިވެރިވާނެ ކަމަށް އައި.ޑަބުލިއު.ސީ.ޖީ އިން މައުލޫމާތު ދެއެވެ. މި ދެ ބޭފުޅުންނާ އެކު ދެން ފަޑިޔާރެއްގެ ގޮތުގައި ބައިވެރިވާނީ މި ދާއިރާގައި ވަރަށް ތަޖުރިބާ ހުރި ހުނަރުވެރި އިހަވަންދޫގެ ދަރިއެއް ކަމަށްވާ މާހީރީ މަންޒިލް، އަލީ މާހިރު ( އޭ.އެސް.ޕީ) އެވެ.

 އައި.ޑަބްލިއު.ސީ.ޖީ ގެ ރައީސާ ފާހަގަ ކުރައްވާ ގޮތުގައި މިއީ ތުއްތު ކުދިންނަށް ހުނަރު ދައްކާލުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ” ކޮވިޑް 19 ގެ ނުރައްކާ މުޅި ދުނިޔެއަށް ފެތުރި ގޭގައި މަޑުކުރަން ޖެހިފަ މި އޮތް ހާލަތުގަ މިފަހަރު ގޭގަ ތިބެގެން ތުއްތު ކުދިންގެ ހުނަރު ދައްކާލުމަށް ރަނުގެ ފުރުސަތެއް އަޅުގަނޑުމެން މި ހުޅުވާލަ ދިނީ. އަބަދުވެސް އައި.ޑަބްލިޔު.ސީ.ޖީ އިން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައާއި، މަންފާއަށް. “

މި މުބާރާތާ ގުޅޭ އިތުރު ތަފުސީލު އައި.ޑަބްލިއު.ސީ.ޖީ ގެ ފޭސްބުކް ޕޭޖުންނާއި ވައިބަރ ގުރޫޕުން ލިބެން ހުންނާނެއެވެ.