ހޯރަފުށި އެއަރޕޯޓު އޯގަސްޓް މަހުގެ ތެރޭގައި ހުޅުވަނީ

ޢަބުދުﷲ ޙަމީދު

ހއ. ހޯރަފުށި އެއަރޕޯޓު މިއަހަރު އޯގަސްޓް މަހުގެ ތެރޭގައި ހުޅުވަން ތާވަލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިކަން ހާމަ ކޮށްފައިވަނީ ވީޓީވީގެ ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއް ދެމުން އަންނަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ކަމަށެވެ. އަދި އެއާޕޯޓްތައް ގުޅުވާލުމުން ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ފުނަދޫ އެއަރޕޯޓާއި މާވަރުލު އެއަރޕޯޓާއި މަޑިވަރު އެއަރޕޯޓާއި ހޯރަފުށި އެއަރޕޯޓް އަދި ފަރެސް މާތޮޑާ އެއަރޕޯޓް ހުޅުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ހޯރަފުށި އެއަރޕޯޓު އޯގަސްޓު މަހު ހުޅުވަން މަސައްކަތްކުރާ އިރު، ފުނަދޫ އެއަރޕޯޓު މި ޖަނަވަރީ މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާވާރުލު އެއަރޕޯޓު މާރޗު މަހު އަދި މަޑިވަރު އެއަރޕޯޓު އޭޕްރީލް މަހު ހުޅުވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ސަރުކާރުން އޯގަސްޓް މަހު ހޯރަފުށީ އެއަރޕޯޓް ހުޅުވަން ތައްޔާރުވާއިރު “ހޯރަފުށި އެއަރޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ” މި ޝިއާރުގެ ދަށުން ހޯރަފުށީ ރައްޔިތުން ވަނީ އެއަރޕޯޓު ސަރަހައްދު ފެހި ކުރުމުގެ ހަރަކާތެއް ފަށައިފައެވެ.

އެއާރޕޯޓަށް ބޭނުންވާ ބިން ހިއްކައި ނިމިފައިވާއިރު އެއާޕޯޓުގެ މަޝްރޫއަށް 64 މިލިއަން ރުފިޔާ ހަރަދު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.