ބަނދަރު ގޮނޑިތަކުން ރައްޔިތުންނަށް އުފާވެރިކަމާއި ބަނދަރަށް ފުރިހަމަކަން

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިހަވަންދޫ ބަނދަރުމަތީގައި، ކޮންކުރީޓުން ހަދާފައިވާ ގޮނޑިތަކެއް ބަހައްޓަން ފަށައިފިއެވެ. އެގޮތުން މިހާތަނަށްވަނީ މިފަދަ 6 ގޮނޑިއެއް ބަހައްޓާފައެވެ. ބަނދަރުގެ މަސައްކަތްކުރާ އެމްޓީސީސީގެ އެހީތެރިކަމާއިއެކު ތައްޔާރުކުރި މިގޮނޑިތައް ބަހައްޓަމުންދަނީ ބަނދަރުގެ ޕޭމަންޓާއި އިންވެގެންނެވެ.

އާނމުކޮށް ރަށްރަށުގެ ބަނދަރުމަތީގައިހުންނަ ގޮނޑިތަކާއި ހިލާފަށް މިގޮނޑިތަކަކީ ލެނގިލެވޭގޮތަށް ބުރަކަށީގެ ބައްޓަމާއި އެއްގޮތަށް ފަރުމާކޮށްފައިވާ ގޮނޑިތަކެކެވެ. ގޮނޑި ބޭނުންކުރާ ބައެއްމީހުންނާއި ސުވާލުކުރުމުން ބުނީ ގޮނޑިތައް އަރާމުވެފަ ފައްކާކަމުގައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވީ، އެފަދަ ގޮނޑިތަށް ރަށުގެ އިޖްތިމާއި އެކި ސަރަހައްދުތަކުގައި ބަހައްޓަން ނިންމާފައިވާކަމުގައެވެ. އެގޮތުން ލައިސަންސް ޓްރެކާއި ބައެއް ޕާކްތަކުގެ އިތުރުން ތައާވުން މިސްކިތް ކުރިމަތީގައި އޮންނަ ހުސްޖާގަ ހިމެނެއެވެ.

ސޮބާޙް ވިދާޅުވީ  މިހާތަނަށް ތައްޔާރުކުރެވުނު ގޮނޑިތައް، ބަނދަރު މަތީ އަދި ބަހަށްޓާލާފައި ހުރީ ކަމުގައެވެ. މަސައްކަތް ނިމޭއިރު ގޮނޑިތައް ހުންނާނީ ހިޔާވާގޮތަށް ކެނޮޕީއެއްގެ ތެރޭގައި ކަމަށާއި، ބަނދަރުގެ އެތެރެ ފަރާތުގައި 27 ގޮނޑި އަދި ބޭރުތޮށީގައިވެސް 10 ގޮނޑި ޖަހާނެކަމުގައި ސޮބާޙް މައުލޫމާތު ދެއްވިއެވެ. އެންމެފަހުން އޮތް ރައްޔިތު ބައްދަލުވުމުގައި ކައުންސިލުންވަނީ ބަނދަރު މަތީގައި ހިޔާކޮށްފައިހުންނަ ހިއްގައިމު ކެނޮޕީތަކެއް ހެދުމުގެ މަސައްކަތްކުރާކަމަށް ބުނެފައެވެ. އަދި ބަނދަރުމަތީގައިހުރި ބައެއް ދިގު ރުއްތަކުގެބަދަލުގައި ގަސް އިންދާ ފެހިކުރުމުގެ ވިސްނުންވެސް ފާޅުކުރިއެވެ.

އޭއެސްޕީ ސްޓޫޑިއޯއާއި ހަވާލުކޮށްގެން ކައުންސިލުންދަނީ ބަނދަރުމަތި ޑިޒައިންކުރުމުގެ މަސައްކަތްކުރަމުން.