ފުޓްސަލް ދަނޑުގައި އަނެއްކާވެސް މެޓް އަޅައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ފުޓްސަލް ދަނޑުގައި އަނެއްކާވެސް މެޓް އަޅައިފިއެވެ. ކައުންސިލުން ބުނެފައިވަނީ ފުޓްސަލް ދަނޑުގައި އަޅާފައިއޮތް ކާރޕެޓް ހަލާކުވެފައިވާތީ، ވަގުތީ ގޮތުން ފުޓްސަލް ދަނޑު ބޭނުން ކުރުމަށް މެޓްއެޅީކަމުގައެވެ. ފުޓްސަލް ދަނޑުގައި މެޓްއެޅުމުގެ މަސައްކަތް ކޮށްފައިވަނީ އިހަވަންދޫ ކައުންސިލްގެ މުވައްޒަފުންނެވެ.

2016  ވަނަ އަހަރުގެ އޯގަސްޓްމަހު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށިއިރުވެސް އޮތީ މެޓް އަޅާފައެވެ. ނަމަވެސް މެޓްގައި ކުޅޭއިރު އަނިޔާވުންފަދަ ކަންކަން ދިމާވާތީ ފަހުން ފުޓްސަލް ދަނޑުގައިވަނީ ކާޕެޓް އަޅާފައެވެ. އަދި އޭރު ދަނޑުގައި އަޅާފައޮތް މެޓް ފަހުންވަނީ ހުރަވީދަނޑުގައި ހުރި ވޮލީކޯޓްގައި އަޅާފައެވެ. ނަމަވެސް އެތަނުގައި ޒުވާނުންގެ މަރުކަޒުއެޅުމަށް ފަހުންވަނީ ވޯލިކޯޓް ނަގާފައެވެ. ހަމައެހެންމެ ފުޓްސަލް ދަނޑުގައި އަޅާފައޮތް މެޓް ވަރަށްބޮޑަށް ހަލާކުވެ ކުޅޭމީހުންނަށް އަނިޔާވާތީ ކައުންސިލުންވަނީ 1 ޑިސެމްބަރ 2021 ގައި ފުޓްސަލް ދަނޑު ބަންދުކޮށްފައެވެ. ރަނގަޅުފެންވަރުގެ ފުޓްސަލް ދަނޑެއް އިހަވަންދޫގައި ނެތުމީ ޒުވާނުންގެ ކަންބޮޑުވުމެކެވެ.