އިހަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ “ކައުންސިލް ކަޕް 2025” ގެ ޗެމްޕިއަންކަން، ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތް ހޯދައިފިއެވެ. ޔުނައިޓެޑް ޔޫތް މި މެޗުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ ސައުދުﷲ އަބުދުއް ރަޝީދެވެ. މިއީ އޭނަ މިމުބާރާތުގައި ކުޅުނު ހަމައެކަނި މެޗްކަން ފާހަގަކުރެވެއެވެ.
ރޭ އިހަވަންދޫ ޢާޒީ ދަނޑުގައި ކުޅުނު ފައިނަލް މެޗްގެ ފެށިގެން ނިމުމާއި ހަމަޔަށްވެ، ވާރޭ ދިޔައީ ވެހެމުންނެވެ. އިހަވަންދޫގެ އެންމެ ވާދަވެރި ދެ ޓީމްގެ މެދުގައި ކުޅުނު މިމެޗްވެސް ނިމުނީ އާނމުކޮށް މި ދެ ޓީމް ބައްދަލުކުރާ މެޗުތަކުން ފެންނަ ފަދަ ކުޑަ އަރާރުމަކުންނެވެ.
މިއީ ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެޓީމް ފުރަތަމަ މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ކައުންސިލުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭއެވެ. އެޓީމް ވަނީ 5 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ޗެމްޕިއަން ޓީމަކީވެސް އެންވީކޭއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތަށް 50 ހާސް ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ރަނަރަޕް އެންވީކޭއަށް 15 ހާސް ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.
މިމުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއާއި އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ އަލީ ނާއިޝްއެވެ. މީގެ އިތުރުން 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އެޓީމްގެ ޔޫނުސް ހޮވުނުއިރު، އެންމެ މޮޅު ކީޕަރަކަށް ހޮވުނީވެސް ޔުނައިޓެޑް ޔޫތްގެ ރުކްޒާންއެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ ކޯޗް ހުސައިން ފަޔާޒްއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވުނީ ކްލަބް އިރާމާއެވެ.