Banner Image Description

ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް އަންނައަހަރު ފެށޭނެ – ރައީސް

މުޙައްމަދު އަކުރަމް

މިސަރަހައްދުން މަސްގަންނަ މަރުކަޒުގެ މަސައްކަތް އަންނައަހަރު އިހަވަންދޫގައި ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ބޮޑުތިލަދުންމަތި ގުޅާލުމުގެ ބިޔަ މަޝްރޫއު ހއ. ދިއްދޫގައި އިފްތިތާހްކުރުމަށް ރޭބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިސަރަހައްދުގައި އެންމެ ދިރުންހުރި އެއް އިޤްތިސާދަކީ އިހަވަންދޫ ކަމަށާއި، އިހަވަންދޫއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ހައްލުކޮށްދޭންޖެހޭ ކަމުގައެވެ. އެދެކަންތައް ހައްލުކޮށްދިނުމުގެގޮތުން ހިންގޭ މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ އަންނައަހަރު މިސަރަހައްދުން މަސްގަންނަ މަރުކަޒުގެ މަސައްކަތް އިހަވަންދޫގައި ފެށޭނެކަމަށެވެ.

މިއަހަރުގެ ބަޖެޓްގައި، އިހަވަންދޫގައި މަސްރައްކާކުރާ ފެސިލިޓީއެއް ޤާއިމްކުރުމަށް 178065ރ ހިމަނާފައިވެއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ދަށުން ހިންގާ މިޕްރޮޖެކްޓްގެ މަސައްކަތްގޮސްފައިވާ ހިސާބެއް އަދި ސާފެއްނުވެއެވެ.

މަސްވެރިކަމަކީ އިހަވަންދޫގެ މައިގަނޑު ސިނާއަތެވެ. އިހަވަންދޫގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ދައްޗަކީ މަސްވެރިން ބާނާ މަސްކޮޅު ފަސޭއިން ކިރުވޭނެގޮތެއް ނެތުމެވެ. އެގޮތުން އެންމެ ކައިރިންވެސް މަސްކިރުވުމަށް މަސްވެރިންނަށްޖެހެނީ ޅ. ފެލިވަރަށް ދާށެވެ. ފެލިވަރަށް ގޮސް އައުމަށް 400 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރަންޖެހެއެވެ. އެހެންކަމުން ތެލަށްކުރަންޖެހޭ ހަރަދު ބޮޑުވެ މަސްވެރިންގެ ޖީބަށް ވަންނަ އާމްދަނީ ދަށްވުމުގެ އިތުރުން މަސްވެރިން އެމީހުންގެ އާއިލާއާއި އެކު ހޭދަކުރަން ލިބޭ ވަގުތު އެތައްތަނެއް ކުޑަވެއެވެ. އިހަވަންދޫގައި ފިޝް ކަލެކްޝަން ފެސިލިޓީއެއް ޤާއިމް ކޮށްފިނަމަ މަސްވެރިންނަށް ދިމާވެފައިވާ މިމައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.

އިހަވަންދޫގައި ފިޝްކަލެކްޝަން ފެސިލިޓީއެއް ޤާއިމްކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެފައިވާ ވައުދެކެވެ.