Banner Image Description

އިހަވަންދޫގައި ހޮސްޕިޓަލް އެޅުމަށް ކުރާ މަސައްކަތް ދަމާހަލާފަ އެހެން ދިމާއަކަށް ނުގެންދެވޭނެ: އަމީން

މުހައްމަދު ޢަބުދުއްޞަމަދު

އިހަވަންދޫގައި ހޮސްޕިޓަލް އެޅުމަށް ކުރާ މަސައްކަތް ދަމާހަލާފަ އެހެން ދިމާއަކަށް ގެންދެވޭނެ ދުވަހެއް ނާންނާނެކަމަށް ހެލްތު މިނިސްޓަރ ޢަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުން މިހެން ވިދާޅުވީ އިހަވަންދޫ ސްކޫލްގެ 2018 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅު ގައެވެ.

އަމީން ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް މިއާ ބަދަލާއެކު އެކިއެކި ދާއިރާތަކަށް މުހިއްމު ބަދަލުތައް ގެނައުމަށް އަދުގެ ސަރުކާރުގެ މެނިފެސްޓޯއާއި ކުރިމަގުގެ ތަސްވީރުގައި ވަރަށްގިނަ ކަންކަން ހިމެނިފައިވާ ކަމަށެވެ.

މިގޮތުން، ރާއްޖޭގެ ސިއްހީ ދާއިރާއަކީ ވަށާޖެހިފައިވާ ނިޒާމަކަށް ހެދުމަށްޓަކައި، ގެންނަންޖެހޭ ބަދަލުތައް ކަރުދާސްކުރެވި، އެކަމަށްހުރި ސަރުކާރުގެ ވިސްނުންތައް ތަސައްވަރު ކުރެވި އެކަމަށްޓަކައި އަމަލުކުރާނެ ސިޔާސަތުތައް މިހާރު ކަނޑައެޅިފަވާކަމަށް އަމީން ވިދާޅުވިއެވެ.

އަދުގެ ސަރުކާރުގެ ސިއްހީ ސިޔާސަތުގެ އެންމެބޮޑު އަސާސަކަށް ވެފައިވަނީ ރާއްޖޭގެ އަތޮޅުތެރޭގެ އެބަޔަކު ދިރިއުޅޭ ހިސާބަކުން ސިއްހީ ހިދުމަތްތައް ލިބިދިނުންކަން ފާހަގަކުރައްވަމުން، އަމީން ވިދާޅުވީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތު ބައްޓަންކުރައްވަނީ ރައީސުލް ޖުމުހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ވިހާވެސް އަވަހަކަށް ފުއްދާ ފުރިހަމަކުރުމަށް ކަމަށެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 5 ސެޕްޓެމްބަރ 2018 ވަނަ ދުވަހު އިހަވަންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އިހަވަންދޫ ސިއްހީ މަރުކަޒު، މަރުކަޒަކުން ހޮސްޕިޓަލަކަށް ބަދަލު ކޮށްދެއްވާނެ ކަމަށްވަނީ ވައުދުވެ ވަޑައިގެންފައެވެ.

“އެހެންވީމާ އެގޮތުން ބަލާއިރު ރައީސުލް ޖުމުހޫރިއްޔާ އެވަޑައިގެންފައިވާ ވައުދު، އެވަޑައިގެންފައިވާގޮތަށް ފުއްދުމަށް ފަހަތަށް ޖެހުމެއްނެތި، ވައުދުތައް ބަޔާންކުރެވިފައިވާ މިންވަރަށް ފުއްދާ ނިންމާނަން. މިރަށުގެ ( އިހަވަންދޫގެ) ސިއްހީ ހިދުމަތް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން އެންމެ އަސާސީ މަސައްކަތުގެ އެންމެ ބޮޑުބައި މިހާރުވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ އެމަސައްކަތް މިއަހަރު ތެރޭ ނިންމާ، އަމަލީ މަސައްކަތް ފެށުމާ ހިސާބަށް ކަންކަން ގެންދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރާނަން. މިމަސައްކަތާ ދޭތެރޭ ތިބޭފުޅުން ( އިހަވަންދޫ ރައްޔިތުން ) ޝައްކު ކުރައްވާނެކަމެއްނެތް. މިރަށުގައި ( އިހަވަންދޫގައި) ހޮސްޕިޓަލް އެޅުމަށް ކުރާމަސައްކަތް ދަމާހަލާފަ އެހެން ދިމާއަކަށް ގެންދެވޭ ދުވަހެއް ނާންނާނެ. އަޅުގަނޑުމެން އެމަސައްކަތް މިހާރު ތަރުތީބުކުރެވިފައިވާ ގޮތަށް ގެންގޮސް ނިންމާލާނަން.” ކަމަށް އަމީން ވިދާޅުވިއެވެ.

އިހަވަންދޫ.ކޮމަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، އިހަވަންދޫގައި ހޮސްޕިޓަލް އެޅުމަށް މިހާރުކޮށްފައިވާ މަސައްކަތް ރަށުގެ ކަމާބެހޭފަރާތްތަކާ ހިއްސާކޮށް ހިޔާލުބަދަލުކުރުމުގެ މަސައްކަތްތަކެއް މިހާރު ކޮށްފައިވާ ކަމަށެވެ.

އިހަވަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރުމަށް އަޅަން ޖެހޭ އިމާރާތް ފަރުމާ ކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީންވަނީ އާކްއެންޖް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑާއެކު 2019 ޖޫން 26  ވަނަ ދުވަހު ސޮއިކޮށްފައެވެ.

އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައި ވަނީ ދަރަޖަ އެކެއްގެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލް އިމާރާތްކޮށް ހިދުމަތް ދޭން ފަށާއިރު އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް، ކުޑަކުދިންގެ ޑޮކްޓަރުގެ ހިދުމަތް، ހޭނައްތާ ޑޮކްޓަރުގެ ހިދުމަތް، އޮޕަރޭޝަން ޑޮކްޓަރުގެ ހިދުމަތް އަދި އެތެރެހަށީގެ ޑޮކްޓަރުގެ ހިދުމަތް ލިބޭނެއެވެ. އަދި ދަތުގެ ހާއްސަ ފަރުވާ، ޑައިލަސިސްގެ ހިދުމަތް އަދި ފިޒިއޮތެރަޕީގެ ހިދުމަތް ވެސް ލިބޭނެ އެވެ. މީގެ އިތުރުން އެމެޖެންސީ ރޫމް، މައިނާ އޯޓީ، އައިސީޔޫ، އެންއައިސީޔޫ، އެކްސްރޭގެ ހިދުމަތް، ލޭބަ ރޫމް، އަދި އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތް ވެސް ފެށިގެންދާނެ އެވެ.

އިހަވަންދޫގައި ހޮސްޕަލް އެޅުމަށް މިހާރުކޮށްފައިވާ މަސައްކަތް ރަށުގެ ކަމާބެހޭފަރާތްތަކާއި ހިއްސާކޮށް ހިޔާލުބަދަކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި  އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، ހޮސްޕިޓަލްގައި ޖުމްލަ 50 އެނދާއެކު ފަސް ވޯޑް ހުންނަކަމަށާއި،  ހަ ޕްރައިވެޓް ކޮޓަރި ވެސް އެ ހޮސްޕިޓަލުގައި ހިމެނޭކަމަށެވެ.