Banner Image Description

އެމްޑަބްލިއުއެސްސީ ސައިޓް ސާފުކުރިއިރު އެތަން މަސްތުވާތަކެތީގެ ހާއްޔަކަށްވެފައި!

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ނަރުދަމާގެ ހިދުމަތް ފެށުމަށްޓަކައި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބުލިޔު އެސް ސީ) އިން އިހަވަންދޫގެ ބަނދަރުގެ އިރުމަތީކޮޅުގައި ބޭނުންކުރި ސައިޓް އިއްޔަ ސާފުކުރުމުން، އެތަނަކީ މަސްތުވާތަކެތި ބޭނުންކުރާމީހުންގެ ހާއްޔެއްކަން ހާމަވެއްޖެއެވެ. އެމްޑަބުލިޔު އެސް ސީ އިން 2016 ވަނައަހަރު އެކުންފުނިން އިހަވަންދޫގެ ނަރުދަމާއަޅަން ގެނަ ސާމާނު ބެހެއްޓުމަށް، ސައިޓެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ އިހަވަންދޫ ބަނދަރުގެ އިރުމަތީކޮޅެވެ.

އެމްޑަބުލިޔު އެސް ސީ އިން އިހަވަންދޫ ނަރުދަމާއެޅުމަށްފަހު ސައިޓް ރޫޅާލާފައި ނުވާތީ އެސަރަހައްދު އޮތީ ވަރަށްބޮޑަށް ގަސްފަޅައި ބޯވެފައެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސަރަހައްދުގައި މަދިރި އުފެދޭގޮތަށް ތަކެތި ހުރުމާއި ގަސްބޯވެ އާމުންނަށް އުނދަގުވާ ތަނަކަށް ވެފައިވާތީ އެސައިޓް ރޫޅައިލުމަށް އިހަވަންދޫ ކައުންސިލުންވަނީ އެތައްފަހަރަކު އެމްޑަބުލިޔު އެސް ސީ ގައި އެދިފައެވެ. އެގޮތުން ކުރެވުނު މަސައްކަތުން ވަރަށްފަހުން އެމްޑަބުލިޔު އެސް ސީ އިންވަނީ އެސަރަހައްދުގައި ހުރި މުދަލާއިއެކު އިހަވަންދޫ ކައުންސިލަށް ސައިޓް ދީފައެވެ.

އިއްޔަ އިހަވަންދޫ ކައުންސިލުން އެމްޑަބުލިޔު އެސް ސީ ސައިޓް ސާފުކުރީ ފުޓްބޯޅަޓީމް ސެންސިޓީއަށް ނިސްބަތްވާ ބައެއް ޒުވާނުންގެ އެހީތެރިކަމާއިއެކުއެވެ. ސައިޓް ސާފުކުރުމުން އެސަރަހައްދުން މަސްތުވުމަށް ބޭނުންކުރާ ޒާތުގެ ގިނަ ތަކެތި ފެނިފައިވެއެވެ.

ފަހަކަށް އައިސް އިހަވަންދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަވަނީ ވަރަށްބޮޑުވެފައެވެ. އެގޮތުން މިދިޔަ މެއި މަހުގެ 27 ވަނަދުވަހުވެސްވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއިކު އިހަވަންދޫއިން މީހަކު ހައްޔަރުކޮށްފައެވެ.