މައިކަޕް 2025: ޖަންގަލް އަދި ހީވެސްނުވޭ ސެމީ ފައިނަލަށް!

.

މައިކަޕް 2025، ގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކުރި ފުރަތަމަ ދެޓީމަކަށް ޖަންގަލް އަދި ދިއްދޫ ހީވެސްނުވޭ ވެއްޖެއެވެ. ޖުމްލަ 5 ޓީމެއް ވާދަކުރާ މިމުބާރާތުގެ ސެމީފައިނަލަށް ގްރޫޕް ސްޓޭޖުން 4 ޓީމެއް ދަތުރުކުރާނެއެވެ. ގްރޫޕް ސްޓޭޖުން ކަޓާނީ 1 ޓީމެވެ.

ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދާ ޓީމް ސެމީ ފައިނަލްގައި ވާދަކުރާނީ ގްރޫޕް ސްޓޭޖުން 4 ވަނަ ހޯދާ ޓީމާއެވެ. އަދި ގްރޫޕް ސްޓޭޖްގެ ދެވަނަ އަދި ތިންވަނަ ހޯދާ ދެޓީމް ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ކުޅޭނެއެވެ. 9 ޕޮއިންޓާއިއެކު ޖަންގަލް ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ދިއްދޫ ހީވެސްނުވޭ 7 ޕޮއިންޓާއި އެކު ގްރޫޕް ސްޓޭޖްގެ ދެވަނަ ވަނީ ކަށަވަރު ކޮށްފައެވެ.

އެންވީކޭ، ޔުނައިޓެޑް ޔޫތް އަދި ތުރާކުނު އާރު.ސީ އަށް އަދި ސެމީ ފައިނަލްގެ ޖާގަ ކަށަވަރުނުވެއެވެ. އެންވީކޭ އަށް 3 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ޔޫތްވެސްވަނީ 3 ޕޮއިންޓް ހޯދައިފައެވެ. ތުރާކުނަށް އަދި ލިބިފައިވަނީ 1 ޕޮއިންޓެވެ. މިއަދު ހަވީރު އެންވީކޭ ޖަންގަލާއި ބައްދަލުކުރާ މެޗުން މޮޅުވެގެން ނުވަތަ އެއްވަރު ކޮށްގެން އެންވީކޭއަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވާނެއެވެ. އެންވީކޭ ބަލިވެއްޖެނަމަ މިރޭގެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އެންވީކޭ ކެޓުމުގެ ކުޑަ ޗާންސެއް އެބައޮތެވެ.

މިރޭ ތުރާކުނު އަދި ޔުނައިޓެޑް ޔޫތް ބައްދަލުކުރާ މެޗުން ތުރާކުނު މޮޅުވެއްޖެނަމަ ސެމީފައިނަލްގެ ޖާގައެއް އެޓީމަށް ކަށަވަރުވާނެއެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވާނީ ޔުނައިޓެޑް ޔޫތަށެވެ.
މައިކަޕްގެ ޝެޑިއުލް އަދި ޕޮއިންޓް ތާވަލް ބެއްލެވުމަށް:
artology.mv/maicup