މައި ކަޕް 2025 ގެ ސެމީ ފައިނަލްގައި މިރޭ ޔުނައިޓެޑް ޔޫތު އަދި ދިއްދޫގެ ހީވެސްނުވޭ ޓީމް ވާދަކުރާ މެޗަށް ޔުނައިޓެޑް ޔޫތު ޓީމް ނުކުންނާނީ ހަމައެކަނި މެޗަކުން މޮޅެވެލާކަށް ނޫންކަމަށާއި އިހަވަންދޫ ފަހުރުވެރި ކޮށްދިނުމުގެ އަޒުމުގައިކަމަށް އެޓީމްގެ މެނޭޖަރ މާއިޒް ބުނެފިއެވެ.
މިރޭގެ މެޗާގުޅިގެން މިނޫހާ ވާހަކަ ދައްކަމުން މާއިޒް ބުނީ އަވަށްޓެރި ދިއްދޫ ޓީމަކީވެސް ވަރުގަދަ ޓީމެއް ނަމަވެސް ޔޫތު ޓީމްގެ ކުޅުންތެރިންނާއި މެނޭޖްމަންޓް އަދި ސަޕޯޓަރުން ތިބީ އެއަށްވުރެ މާ ވަރުގަދަ ރޫހެއްގައި ކަމަށާއި ތަފާތު މޮޅު ކުޅުމެއް މިރޭ ފެނިގެންދާނެކަމަށެވެ. އަދި އިހަވަންދޫގެ ވީހާވެސް ގިނަ ބޭފުޅުން ދަނޑަށް ހާޒިރުވެ އެޓީމަށް ސަޕޯޓުކޮށްދިނުމަށް އެދުނެވެ.
ޔުނައިޓެޑް ޔޫތަކީ އެހެން ޓީމުތަކަށްވުރެ ފަހުން މައިކަޕް މުބާރާތުގައި ބައިވެރިވަން ފެށިނަމަވެސް ކުރު މުއްދަތެއް ތެރޭގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ ޓީމެވެ. އެގޮތުން މިހާތަނަށް 2 ފަހަރު މައިކަޕްގެ ޗެމްޕިއަންކަން އެޓީމް ހޯދާފައިވެއެވެ. “ތިންތަރިއަށް” އެޓީމް ނުކުމެފައިވާއިރު އެންވީކޭ އަދި ޖަންގަލް ޓީމްވެސް މަސައްކަތް ކުރަނީ މައިކަޕްގެ ތަށި ތިންވަނަ ފަހަރަށް ކާމިޔާބުކުރާ ފުރަތަމަ ޓީމަށްވެ ތާރީޚް ބަދަލުކޮށްލުމަށެވެ.