ޕޯލްސްޓަރގެ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

އެއްވަނައަށް  ހޮވޭ ފަރާތަކަށް އުމުރާ ދަތުރަކާ އެކު ޕޯލްސްޓަރގެ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، މިހިނގާ ޖޫންމަހުގެ މަހުގެ 24 ވާ ހުކުރު ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހަމަރޯޅިހިޔާ އަދި ސަމާސް ޤްރުއާން ކުލާހުން ލިބެން ހުންނާނެ ކަމަށް ޕޯލްސްޓަރ އިން ހާމަކުރެއެވެ.

މިއީ މެދުކެނޑުމެއްނެތި އިހަވަންދޫގައި ބާއްވަމުންއަންނަ އެންމެ ގިނަދުވަސްވީ ޤުރްއާން މުބާރާތެވެ. ކުލަބު ޕޯލްސްޓަރގެ ޤުރްއާން މުބާރާތް މިދިޔައަހަރުން ފެށިގެން ބާއްވަން ފަށާފައިވަނީ އަލްމަރުޙޫމް އިބުރާހިމް އާދަމްގެ ހަނދާނުގައެވެ. އަލްމަރުޙޫމް އިބުރާހިމް އާދަމްއަކީ އިހަވަންދޫގެ ޤަދަރުވެރިއެވެ. ގިނަބަޔަކު ކަޅު ހާޖީގެ ނަމުންދަންނަ އިބުރާހިމް އާދަމްއަކީ އޮޑިވެރިއެއްގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިއެކެވެ.

މިމުބާރާތުން އެއްވަނައަށް އަންނަ ފަރާތަށް މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ހުށަހަޅާފައިވަނީ އުމްރާ ދަތުރެކެވެ.  މިމުބަރާތާއިގުޅޭ އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން 7907031 ނުވަތަ 7980013 ނަންބަރު ފޯނާއި ގުޅުމަށް ކްލަބް  ޕޯލްސްޓަރ އިން އެދެއެވެ.