މޮޅަދޫ ބަނދަރު ހަދާނެބަޔަކު ހޯދަން އިއުލާނުކޮށްފި

މުޙައްމަދު އަކުރަމް

ހއ. މޮޅަދޫ ބަނދަރު ޑިޒައިންކޮށް ހަދާދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ. މިކަމަށް އިއުލާން ކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއިން އިއްޔައެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިޔަށްގެންދާ މިޕްރޮޖެކްޓް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާ ސްޓްރަކްޗަރ އިންނެވެ. ބައިނަލްއަގްވާމީ ވާދަވެރި ބީލަމަކަށް ހުޅުވާލައިފަވާ މި ޕްރެޖްކްޓަށް ބީލަން ހުށަހަޅަންޖެހޭ ތާރީހަކީ އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހެވެ.

އިހަވަންދިއްޕޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ލަފާފުރުމަށް ބަނދަރެއްނެތް ހަމައެކަނި ރަށަކީ މޮޅަދޫއެވެ. އެހެންކަމުން އެރަށުގައި ބަނދަރެއް ހެދުމަކީ އެރަށުގެ ރައްޔިތުންގެ ޒަމާންވީ އުއްމީދެކެވެ. މޮޅަދޫގައި ޒަމާނީ ބަނދަރެއް ހަދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އިހަވަންދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޝިފާއު ސޯޝަލް މީޑިޔާގައި ވިދާޅުވެފައިވަނީ މޮޅަދޫ ރައްޔިތުން ދުވަސްވީ މިއުއްމީދު މިސަރުކާރުން ހަގީގަތަކަށް ހަދާދޭނެކަމަށާއި މިއަހަރުގެތެރޭގަ މިބަނދަރުގެ އަމަލީ މަސައްކަތްފެށޭނެކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުން 2019 ވަނައަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި މޮޅަދޫގެ ބަނދަރުހެދުމަށް 13 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.