Banner Image Description

އިސްކުރާނީ އިސްލާމް ދީނާއި ޤައުމިއްޔަތު : އާދަމް މޫސާ

.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ހޮވިވަޑައިގެންފިނަމަ މަޖިލީހުގައި އިސްކުރާނީ އިސްލާމް ދީނާއި ޤައުމިއްޔަތު ކަމަށް ޖުމުހުރީޕާޓީގެ ޓިކެޓުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، އާދަމް މޫސާ ވިދާޅުވެއްޖެއެވެ.

އާދަމް މޫސާ މިގޮތަށް ވިދާޅުވީ އިއްޔެ ހަވީރު 4:30 ގައި ވީޓީވީން ގެނެސްދިން “ކެންޑިޑޭޓު ގަޑި” ޕުރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާދަމް މޫސާ ވިދާޅުވީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައިގެން ހޮވުނު ނަމަވެސް، ޕާޓީގެ މަސްލަހަތާއި ދާއިރާގެ ރައްޔިތުންގެ މަސްލަހަތާއި ޤައުމީ މަސްލަހަތު އެއްހަމައެއްގައި ގެންދިއުމަކީ އެބޭފުޅާއަށް ދަތިކަމަކަށް ނުވާނެ ކަމަށެވެ. ހަމައެއާ އެކު ގޮތް ނިންމުމުގައި އެބޭފުޅާ އިސްކުރާނީ  އިސްލާމް ދީނާއި ޤައުމިއްޔަތު ކަމަށެވެ. ރައްޔިތުންވެސް ބޭނުންވާނީ އެގޮތް ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެ، އާދަމް މޫސާ ވިދާޅުވީ ވޭތުވެދިޔަ މާޒީއަށް ބަލާއިރު ޖުމުހުރީޕާޓީ އަބަދުވެސް އިސްކޮށްފައި ވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ. އެހެން ކަމުން ޖުމުހުރީޕާޓީގައި ހުރެ މިހުރިހާ މަސްލަހަތެއް ހިމަނައިގެން ކުރިއަށްދިއުމަކީ ދަތިކަމަކަށް ވާނެ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށް އާދަމް މޫސާ ވިދާޅުވިއެވެ.

ރައްޔިތުންގެ ލާބަޔާއި މަންފާއަށް ހުރި ކަމެއް، އިސްލާމްދީނުގެ އެއްވެސް އަސާސަކާއި ހިލާފުނުވާ ކަމެއްކަމަށް ވާނަމަ އެބިލަކަށް ވޯޓު ދޭނެ ކަމުގެ ޔާޤީންކަން އާދަމް މޫސާ ދެއްވެވިއެވެ. ޖުމުހުރީޕާޓީން ވެސް އެނޫން ގޮތަކަށް ވޯޓު ދޭނެ ކަމަކަށް ގަބޫލު ނުކުރެވޭކަން ފާހަގަ ކުރައްވާ،އާދަމް މޫސާ ވިދާޅުވީ  ޖުމުހުރީޕާޓީގެ ރޫހާ އެފަދަ ގޮތަކަށް ހިލާފުވާން ޖެހިއްޖެ ހާލަތެއްގައިވެސް އެބޭފުޅާ އިސްކުރައްވާނީ ރައްޔިތުންނާއި އިސްލާމްދީން ކަމަށެވެ.

ރައްޔިތުންގެ މަސްލަހަތަށް ފުށުއަރާ ފަދަ ބިލްތަކަށް ވޯޓު ނުދެއްވާނެ ކަން ފާހަގަ ކުރައްވާ އާދަމް މޫސާ ވިދާޅުވީ، އެފަދަ ހާލަތެއްގައި ޕާޓީން ވަކިކޮށްގެން ނުވަތަ ޕާޓީން ވަކިވާންޖެހޭފަދަ ހާލަތަކަށްގޮސްގެން ވަކިވެއްޖެ ކަމުގައި ވާނަމަ އެބޭފުޅާ އެހެން ސިޔާސީ ޕާޓީ އަކުން ނުފެންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.  އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އެބޭފުޅާ ދެން ހުންނަވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ފާހަގަ ކުރެއްވިއެވެ.

ޕާޓީގެ ޓިކެޓުގައި ވާދަކޮށްގެން ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ހޮވުމަށްފަހު އެމެމްބަރެއް ވާނީ ޕާޓީގެ މެމްބަރެއްކަމަށް ނޫން ކަމަށާއި މެމްބަރު ވާނީ ރައްޔިތުންގެ މެމްބަރަކަށްކަން އާދަމް މޫސާ ފާހަގަ ކުރެއްވިއެވެ.