މަޖިލިސް އިންތިޚާބު 2019: ނަސީރު ފޯމު ހުށަހަޅުއްވައިފި

މުޙައްމަދު އަކުރަމް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާއަށް ވާދަކުރުމަށް އަހުމަދު ނަސީރު، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފިއެވެ. ނަސީރުގެ ކެނޑިޑެންސީ ފޯމް ހުށަހަޅުއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަސީރުގެ ކެނޑިޑެންސީ ފޯމް ހުށަހެޅުމުގެ އިވެންޓްގައި އެބޭފުޅާއަށް ތާއިދުކުރާ ބައެއްފަރާތްތަކުން ބައިވެރިވެފައިވެއެވެ.

ނަސީރު މިނޫހަށް މައުލޫމާތު ދެއްވިގޮތުގައި އެބޭފުޅާ އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ޓިކެޓްގައެވެ. “އިރާދަކުރެއްވިއްޔާ މިފަހަރަކީ ޕީޕީއެމްއަށް އިހަވަންދޫ ދާއިރާގެ ގޮނޑި ޔަގީންކަމާއިއެކު ލިބޭނެ ފަހަރު، ސަބަބަކީ އެމްޑީޕީއަށްވެސް އަދި ޖޭޕީއަށްވެސް އިހަވަންދޫ ދާއިރާގެ ގޮނޑި ލިބިއްޖެ! އެހެންކަމުން މިފަހަރު ޕީޕީއެމްގެ ސަޕޯޓަރުންތިބީ މިފަހަރު މިގޮނޑިއަކީ ޕީޕީއެމްގެ މިގޮނޑިއެއްކަމަށް ކަށަވަރުކުރުމަށް އަޅުގަނޑަށް ހިތާއިރޫހުން ތާއީދުކޮށްގެން ވަރަށް ވަރުގަދަ އަޒުމެއްގައި.” ނަސީރު ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވީ، ކުރެވުނު މަސައްކަތުން ވާދަވެރި ފިކުރުގެ ގިނަބައެއްގެ ތާއީދުވެސް ލިބިފައިވުމާއިއެކު އިންތިހާބަށް ނުކުންނަވަނީ ވަރަށްބޮޑު އުއްމީދާއި އެކުކަމުގައެވެ. ނަސީރުގެ ކެނޑިޑެންސީ ފޯމް ހުށަހެޅުމަށް މިއަދު ކުރިޔަށް ގެންދިޔަ އިވެންޓްގައި ކުރިން އެމްޑީޕީގައި ހަރަކާތްތެރިވި ބައެއް މޫނުތައް ފެނިގެންގޮސްފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާއަށް ވާދަކުރުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައިވަނީ ދެ ފަރާތަކުންނެވެ. އެއީ ނަސީރުގެ އިތުރުން އެމްޑިޕީގެ ޓިކެޓްގައި ވާދަކުރާ މުހައްމަދު ޝިފާއުއެވެ.