Banner Image Description

ޔޫތު ސްކޮޑު ރާއްޖެއިން ބޭރަށް!

ޢަބްދުލްމާނިޢު ޙުސައިން

މައި ކަޕް 2018 ގައި ޔުނައިޓެޑް ޔޫތުގެ ސްކޮޑުގައި ރާއްޖެއިން ބޭރު ކުޅުންތެރިޔަކު ހިމަނައިފިއެވެ. އެ ޓީމުގެ ސްކޮޑުގައި ހިމަނައިފައި ވަނީ އިންޑިޔާގެ މައިސޫރަށް އުފަން އުމުރުން 26 އަހަރުގެ ޔުނުއެސް ޕާޝާއެވެ. މިކަމާ ގުޅިގެން މަޢުލޫމާތު ދެއްވަމުން ޔުނައިޓެޑް ޔޫތުގެ މީޑިޔާ ކޯޑިނޭޓާރ އަލީ ފަޔާޒް ވިދާޅުވީ ރާއްޖެއިން ބޭރު ކުޅުންތެރިޔާ ގެނައުމުގެ އިދާރީ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ކުޅުންތެރިޔާ ރާއްޖެ އަންނާނެ ކަމަށެވެ. މީގެ އިތުރަށް އޭނާ ވިދާޅުވީ މައި ކަޕަށް އަލަށް ބިދޭސީ ކުޅުންތެރިޔެއް ޔޫތުގައި ހިމެނުމަކީ އިހަވަންދޫގެ ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް ކަމަށާއި ޔޫތަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި ކުޅުންތެރިޔާގެ އެޖެންޓަށާއި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

   މި ނޫހަށް އެނގިފައިވާ ގޮތުން ޔުނުއެސް ޕާޝާ އަކީ އިންޑިޔާގެ ސުޕަރ ލީގާއި، އޭ ޑިވިޝަން ގެ މަޝްހޫރު އެތައް ކުލަބުތަކަށް ކުޅެފައިވާ އެ ޤައުމުގެ ހުނަރުވެރި މިޑްފިލްޑަރެކެވެ. މީގެ އިތުރުން އޭނާވަނީ ބުރެޒިލް ތަރި ރޮނަލްޑިނިޔޯ އާއި ކޮލަމްބިޔާގެ ފޯވާރޑް ރަޑަމެލް ފަލްކާއޯ ފަދަ ކުޅުންތެރިންނާއެކު ކުޅެފައެވެ. އަދި އާޖެންޓީނާގެ ތަރި ކުރެސްޕޯ އާއި އެއް ޓީމަކަށް ކުޅެފައިވާ ޕާޝާ ވަނީ އިންޑިޔާގެ އޭ ޑިވިޝަންގެ ގަދަ ބާރު ޑާރގަންބަރ އެފް.ސީ އަށް ވެސް ކުޅެފައެވެ.

   މީ އިހަވަންދޫގެ ތާރީޚުގައިވެސް ފުޓްބޯޅަ ޓީމަކަށް ބިދޭސީ ކުޅުންތެރިއެއް ގެންނަ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. މިކަމާ ގުޅިގެން އިހަވަންދޫގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ފަރާތްތަކެއްގެ ސަމާލަކަން ޔޫތަށް ވަނީ ހުއްޓިފައެވެ. “މިފަހަރު ސަޅިވާނެ” މި ސްލޯގަންގެ ދަށުން މި އަހަރުގެ މައި ކަޕަށް ނުކުންނަ ޔޫތަށް ޕާޝާގެ އިތުރުން އިހަވަންދޫގެ ނަން މަޝްހޫރު އެތައް ކުޅުންތެރިން ތަކަކާއެކު، މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ފާރިޝް ވެސް ވަނީ އެ ޓީމާ ގުޅިފައެވެ.