ބޮއްސުންލާފައިވާ ކުނިގޮނޑު ހަމައަކަށް އަޅުވައިފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫގެ ކުނިގޮނޑު ފުރި، ކުނިގޮނޑަށް ކުނި އެޅޭނެ ގޮތެއް ނެތިފައި ވަނިކޮށް ކުނިގޮނޑު ހަމައަކަށް އަޅުވައިފިއެވެ.

ކުނިގޮނޑު މެނޭޖު ނުކުރެވި، ކުނިގޮނޑަށް ކުނި އެޅޭނެ ފަދަ ގޮތެއް ނެތި ކުނިގޮނޑަށް ދާ މަގާ އެއްކޮށް ކުނި އަޅަމުން ދާތާ މަސްދުވަހަށް ވުރެ ގިނަ ދުވަސް ފަހުން އިހަވަންދޫ ކައުންސިލުން ކުރި މަސައްކަތުން މިހާރު ވަނީ މަގަށް އަޅާފައިވާ ކުނިތަކާއި ކުނި ގޮނޑުގައި ހުރި ކުނިތައް އެއްފަރާތަކަށް ޖައްސާ ކުނިގޮނޑަށް ކުނި އެޅޭނެ އިންތިޒާމު ހަމަޖައްސަދީފައެވެ.

ނިމިދިޔަ އޯގަސްޓު މަހުތެރޭ ކުނި ކޮއްޓަށް އުކާލަމުންދިޔަ ކުނި ގިނަވެ، ތަރުތީބެއް ނެތި ކުނި އަޅަމުން ދިޔުމުގެ ސަބަބުން ކުނިގޮނޑު މެނޭޖުނުކުރެވި، އިހަވަންދޫގެ ގެތަކުން ކުނިކޮއްޓަށް ކުނި ގެންދާ ފެނަކަ އިހަވަންދޫ ބުރާންޗުންވެސް ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެތަކުން ކުނި އުކައިދިނުން މެދުކަނޑާލައިފައެވެ.

ކުނިގޮނޑުގެ މައްސަލަ ހައްލުކުރުމަށް ބައިލައްކަ އެއްހާ ރުފިޔާ ހަރަދުވި ކަމަށް އިހަވަންދޫ ކައުންސިލް އިން މައުލޫމާތު ދެއްވަ އެވެ. ރާއްޖެ ޓީވީގެ ހަބަރުފީތާ އަށް ދެއްވި ބަސްދީގަތުމެއްގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވީ، އިހަވަންދޫ ކައުންސިލްގެ ސަސްޕެންޝަނަށްފަހު މަސައްކަތައް ނުކުތްއިރު ކުނިގޮނޑު ބޮއްސުންލާފައިވާ ކަމަށާއި، ކުނި މެނޭޖު ކުރުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި ފެނަކައިން ކޮށްދޭ މަސައްކަތަކީ އިހަވަންދޫގެ ގެތަކުން ކުނި ނަގައިގެން ކުނިގޮނޑަށް ގެންދިއުމުގެ މަސައްކަތް ކަމަށެވެ. ކުނިމެނޭޖު ނުކުރެވި އޮވެ ވިއްސާރަ މޫސުމާ ދިމާވެ، ކުނިގޮނޑަށް ވަދެވެން ހުރި ހުރިހާ މަގުތަކެއް ކަހަލަ ގޮތަކަށް ބަންދުވެގެން ދިޔަކަން ރައީސް ފާހަގަ ކުރެއްވި އެވެ.

މުޙައްމަދު ރަޝީދު ވިދާޅުވީ، ހައުސިންގ މިނިސްޓުރީ، އެންވަޔަރަންމެންޓު މިނިސްޓުރީ، އަދި ހެލްތު މިނިސްޓުރީ އަދި އެންވަޔަރަންމެންޓަލް ޕުރޮޓެކުޝަން އެޖެންސީ (އީޕީއޭ) އަށް މިކަމުގެ ހުރި ނުރައްކަލާއި ކަންބޮޑުވުންތަކުގެ ވާހަކަ ސިޓީއަކުން ދެންނެވި ކަމަށާއި ކުނިގޮނޑު ސާފުކުރުމުގައި ވެމްކޯގެ އެހީތެރިކަމެއް ލިބޭތޯ އެފަރާތައްވެސް ދެންނެވި ކަމަށެވެ. “މިދެންނެވި ވުޒާރާތަކަށް ފޮނުވި ސިޓީތަކުގެ ތެރެއިން ހަމަ އެކަނި އަޅުގަނޑުމެންނަށް ޖަވާބެއް އަނގަބަހުން ދެއްވީވެސް ވެމްކޯ އެކަނި” ކަމަށް ރައީސް ވިދާޅުވިއެވެ. ކުނި ގޮނޑު ހަމައަކަށް އެލުވުމަށްޓަކައި އެމަސައްކަތް ބިޑަށް ލައިގެން ކާމިޔާބު ކުރި ފަރާތް މިހާރު މަސައްކަތް ނިންމާފައި ވާއިރު، ރައްޔިތުންގެ އާމްދަނީގަ ހުރި ފައިސާއިން މިފަދަ ހަރަދެއް ކުރަން ޖެހުނުކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އިހަވަންދޫ ކައުންސިލުން ރަށުގެ ކުނިގޮނޑަށް ކުނިއެޅޭނެގޮތް ފަހިކޮށްދީފައިވާއިރު، ކުނިގޮނޑު ބެލެހެއްޓުމަށް މިހާރު ވަނީ އިޢުލާނުކޮށްގެން މުވައްޒަފަކުވެސް ނަގާފައި ކަން ފާހަގަ ކުރެވެއެވެ.