Banner Image Description

ފުލުހުންކަމަށް ބެލެވޭ ބަޔަކު އިދިކޮޅު ކޯލީޝަންގެ ކެމްޕެއިން ޕޯސްޓަރަށް ގެއްލުންދީފި

މުޙައްމަދު އަކުރަމް

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓް އިބްރާހުމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށްޓަކައި ހއ އިހަވަންދޫގައި އިދިކޮޅު ކޯލީޝަނުން އިއްޔެ ތަތްކޮށްފައިވާ ޕޯސްޓަރުތަކެއް ދިވެހި ފުލުހުންކަމަށް ބެލެވޭބަޔަކު ވީދާ ހަލާކުކޮށްފިއެވެ. މިމަންޒަރު މިނޫހުގެ ރިޕޯޓަރުންނަށް ފެނިފައިވަނީ، އިދިކޮޅު ކޯލީޝަނުގެ ޕޯސްޓަރުތަކަށް ބަޔަކު ގެއްލުންދޭތީ މިނޫހުން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބޭނުންކުރާ ޒާތުގެ ވޭނެއްގައި އައި ބަޔަކު ޕޯސްޓަރުތައް ހަލާކުކުރުމަށް، ކަޓަރު ފަދަ އާލާތެއް ބޭނުންކޮށްފައިވާއިރު އާދިއްތަ ދުވަހުގެރޭވެސްވަނީ އިދިކޮޅު ކޯލީޝަނުން އިހަވަންދޫއަށް ޙާއްސަކޮށްވެފައިވާ ވައުދުތައް ހިމަނައިގެން ހަރުކޮށްފައިވާ ބެނާތަކަކަށް ގެއްލުންދީފައެވެ.

ޕޯސްޓަރުތަކަށް ގެއްލުންދިންމީހުން، ވީދާފައިވަނީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ޕޯސްޓަރުތަކެވެ. ގާސިމް އިބްރާހިމް އާއި މުހައްމަދު ނަޝީދަކީވެސް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ދެ ބޭފުޅުންނެވެ.

ކުށްވެރިން ޕްރޮމޯޓްވާ ގޮތަށް އެމީހުންގެ ފޮޓޯތައް ބޭނުންކޮށްގެން ހަރަކާތްތައް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށް ފުލުހުންވަނީ އަންގާފައެވެ. ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ބޭނުންކޮށްގެން އެފަރާތްތައް ކުރިއަށްނެރެ ޝަހުސު އޮޅޭގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނުތަކާ ގަވާއިދާ ހިލާފު ހަރަކާތްތަކެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެފަދަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ފާސްކޮށްފައި ނުވާ ކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެއެވެ.

ކުށްވެރިން ޕްރޮމޯޓްވާ ގޮތަށް އެމީހުންގެ ފޮޓޯތައް ބޭނުންކޮށްގެން ހަރަކާތްތައް ނުހިންގުމަށް ފުލުހުން އެންގިނަމަވެސް އެއީ ކޮން ގާނޫނަކުން ނުވަތަ ގަވާއިދަކުން ކުރުން މަނާ ކަމެއް ކަން ފުލުހުން ބަޔާން ކޮށްފައެއް ނުވެއެވެ. އަދި އެފަދަ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލުން ދަނީ ފުލުހުންނަށް އެތައް ފާޑުކިޔުންތަކެއް އަމާޒު ކުރައްވަމުންނެވެ.