އިހަވަންދޫގެ ގެތަކަށް ނަރުދަމާގެ ހިދުމަތަށް އެދި ރެޖިސްޓުރީ ވުމުގެ ފުރުސަތު ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ހުޅުވާލައިފިއެވެ.
ފެނަކައިން އިޢުލާނު ކޮށްފައިވާ ގޮތުގައި ނަރުދަމާ ނިޒާމުގެ ޕުރޮޖެކްޓުގެ ތެރޭގައި ހޮޅިލައިން ވައްދާފައިވާ ތަންތަނަށް ހިދުމަތަށް އެދި ރެޖިސްޓުރީ ކުރުމުގެ ކަންތައް އެބުރާންޗުން މިހާރު ކުރިއަށް ގެންދެވޭނެ އެވެ.
މިގޮތުން ނަރުދަމާގެ ހިދުމަތަށް އެދޭ ފޯމު ފެނަކަ އިހަވަންދޫ ބުރާންޗުގެ ކައުންޓަރުން ރަސްމީ ދުވަސްތަކުގައި 8:30 އިން 15:00 އަށް ލިބެން ހުންނާނެ ކަމަށް އެބުރާންޗުން ހާމަކުރައްވަ އެވެ.
ފެނަކަކޯޕަރޭޝަނުން ނަރުދަމާގެ ހިދުމަތް ދިނުމުގައި އަމަލުކުރެވޭ އުސޫލުގައި ވާގޮތުން ހިދުމަތަށް އެދޭ ފަރާތްތަކަށް ނަރުދަމާގެ ކަނެކްޝަން ގުޅާދެވޭނީ މިހާރު ގޯތި ތެރެއަށް ވައްދާފައިވާ ހޮޅިލައިނާއެކުވާ ކެޗްޕިޓް ކައިރީ ބަހައްޓަން ޖެހޭ ދާގަނޑު ޖަންކްޝަން ބެހެއްޓުމުންނެވެ. ދާގަނޑު ޖަންކުޝަނާއި ކެޗްޕިޓާއި ގުޅުވާދޭ ހޮޅިއާއި ޖަންކުޝަންއަށް ބޭނުންވާ ދާގަނޑު ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ނިމިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެމަނިކުފާނު ވަނީ އިހަވަންދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.