Banner Image Description

ކޮވިޑް ފެސިލިޓީ އާމިނާދިޔޯ ސިއްހީމަރުކަޒާ ހަވާލުކުރަނީ

.

ހއ އިހަވަންދޫގައި ޤާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ އާމިނާދިޔޯ ސިއްޙީމަރުކަޒާއި ހަވާލުކުރުމަށް ނިންމާފައިވާކަމަށް، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހެން ވިދާޅުވީ އިއްޔައޮތް ރައްޔިތުންގެ މަޖިލީހުގެ، 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ހެލްތް މިނިސްޓަރު އަޙްމަދު ނަސީމްއާ ކުރެއްވި ސުވާލުގައި އެއްސެވީ، އިހަވަންދޫގައި ޤާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ ސިއްހީމަރުކަޒުގެ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަލިބޭނެ އެއްވެސް ގޮތެއް ވާނެތޯއެވެ. އަދި އެތަނުގައިހުރި މެޝިނަރީސް ބޭނުން ނުކޮށް ހުންނަނަމަ ހަލާކުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި ޝިފާއުވަނީ ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަންވެސް މިނިސްޓަރުގެ ސަމާލުކަމަށް ގެންނަވާފައެވެ. ޖަވާބުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ކޮވިޑް ފެސިލިޓީ އާމިނާދިޔާ ސިއްހީމަރުކަޒާއި ހަވާލުކުރުމަށް ނިންމާފައިވާކަމުގައެވެ.

އިހަވަންދޫގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ ހުޅުވާފައިވަނީ 25 ޖުލައި 2020 ގައެވެ. އާމިނާދިޔޯ ސިއްހީމަރުކަޒުގެ ބައު އިމާރާތުން ބައެއްގައި ޤާއިމްކޮށްފައިވާ މިފެސިލިޓީގައި އައިސީޔޫއެއްގެ އިތުރުން އިތުރު ބޭނުންތަކަށް ބޭނުންކުރެވޭނެ 4 ކޮޓަރި ހުރެއެވެ. އެފެސިލިޓީގެ އިންފްރާސްޓްރަކްޗަރ އަށް ދައުލަތުގެ ބަޖެޓުން 556,736ރ ހަރަދުކޮށްފައިވާއިރު، އައިސީޔޫއަށް ބޭނުންވާ ބެކްއަޕް ޖަނަރޭޓަރު ބެހެއްޓުމާއި ޑައިރެކްޓް ލައިނަކުން އިންޖީނުގެއަށް ކަރަންޓްއެޅުމަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.