އެންވީކޭ އިން 4 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓް” ޖެހިޖެހިގެން 4 ވަނަ ފަހަރަށް އެންވީކޭ ކާމިޔާބުކޮށްފިއެވެ. މިރޭއޮތް މިމުބާރާތުގެ ފައިނަލް މެޗްގައި އެންވީކޭ ވަނީ ޔުނައިޓެޑް ޔޫތްގެ މައްޗަށް 2-1 އިން ކުރި ހޯދާފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗްގައި އެންވީކޭގެ ދެ ގޯލްވެސް ފެނިގެން ދިޔައީ މެޗްގެ ފުރަތަމަ ހާފްގައެވެ. ޔުނައިޓެޑް ޔޫތުގެ ގޯލް ފަހު ހާފުގައި ޖެހިއިރު އެޓީމުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެންވީކޭ ޓީމްގެ ހާމިދު އެވެ. މުބާރާތުގެ ޗެމްފިއަން ޓީމަށް ކައުންސިލުންވަނީ 5000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި  ރަނަރަފް ޓީމަށްވަނީ 2500ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.


މުބާރާތުގެ ހާއްސަ ވަނަތައް

އެންމެ އުއްމީދީ ކުޅުންތެރިޔާ: ސެންސިޓީގެ އަހްމަދު ޒާހިދު

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން: ސެންސިޓީގެ އަލީ ސަމީރު، ޔުނައިޓެޑް ޔޫތް ޓީމްގެ ސައުދުﷲ، އެންވީކޭ ޓީމްގެ މުހައްމަދު މަދީހް، އެންވީކޭ ޓީމްގެ އިބްރާހިމް ހާމިދު، އެންވީކޭ ޓީމްގެ މުހައްމަދު ނައްސާން އަދި އެންމެ މޮޅު ކޯޗް އަކަށް ހޮވިފައިވަނީ އެންވީކޭ ޓީމްގެ މުހައްމަދު ސުޖާއު.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ: އެންވީކޭ ޓީމްގެ މުހައްމަދު މަދީހް

މުބާރާތުގެ ފެއަރ ޕްލޭ ޓީމަށް ހޮވިފައިވަނީ: ސެންސިޓީ ޓީމް