ނިމިދިޔަ ކައުންސިލް ކަޕް 2022 ގެ ފައިނަލް މެޗުގައި ހިނގައިދިޔަ ހަމަ ނުޖެހުމުގެ ސަބަބުން ޗެމްޕިއަން އެން.ވީ.ކީ ޓީމުގެ ދެ ކުޅުންތެރިޔަކަށާއި އޮފިޝަލަކަށް އަދި ޔުނައިޓެޑް ޔޫތު ޓީމުގެ ދެ ކުޅުންތެތިޔަކަށާއި އޮފިޝަލަކަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ. މި ފިޔަވަޅުތައް އަޅަށް ނިންމާފައިވަނީ 14 ނޮވެމްބަރު 2022 ވީ ހޯމަ ދުވަހު މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން ބޭއްވި ބައްދަލު ވުމުގައެވެ. މި ކޮމެޓީގައި ހިމެނެނީ ކައުންސިލްގެ ފަރާތުން 5 މެމްބަރުންނާއި މުބާރަތުގެ ބައިވެރި ކޮންމެ ޓީމަކުން މެމްބަރެއްގެ އިތުރުން މުބާރާތުގެ އިސް ރެފުރީއާއި އެކު 13 މެމްބަރުންނެވެ. މި ދިޔަ ހޯމަ ދުވަހު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވުނު ބައްދަލުވުމަށް އެން.ވީ.ކޭ، ޕެރިސް، އިރަމާ އަދި ސެންސިޓީ ޓީމުގެ ފަރާތުން ތަމްސީލު ކުރާނެ މެމްބަރެއް ހާޒިރު ވެފައެއް ނުވެއެވެ.
ކައުންސިލް ކަޕް 2022ގެ ފައިނަލް މެޗުގައި ހިނގައި ދިޔަ ހަމަ ނުޖެހުމުގެ ސަބަބުން، އެން.ވީ.ކޭ ޓީމުގެ އަދި މުބާރާތުގެ ގަދަފަހެއްގައި ހިމެނުނު ހާމިދު ވަނީ ކުރިއަށް އޮތް ކައުންސިލް ކަޕެއްގެ 3 މެޗަށް ސަސްޕެންޑް ކޮށް އެފަދަ އަމަލުތައް ކުރިއަށް އޮތްތާގައި ނުހިންގުމަށް ނަސޭހަތްތެރި ވެފައެވެ. ހަމައެހެންމެ މުބާރާތުގެ ގަދަ ފަހެއްގައި ހިމެނުނު އެޓީމުގެ ގޯލް ކީޕަރ ނައްސާން ވެސް ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށް އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރި ވެފައެވެ. އޭގެ އިތުރުން އެޓީމުގެ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވި ނާޝިދުވެސް ވަނީ ދެމެޗަށް ސަސްޕެންޑްކޮށް އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރި ވެފައެވެ.
އެން.ވީ.ކޭ ޓީމުގެ ކުޅުންތެރިންގެ އިތުރުން ދެން ފިޔަވަޅު އަޅަން ނިންމާފައިވަނީ ޔުނައިޓެޑް ޔޫތުގެ ދެ ކުޅުންތެރިޔަކަށާއި އޮފިޝަލަކަށެވެ. އެ ޓީމުގެ ކެޕްޓަން ޝިފާޒުއަށް އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރި ވެފައިވާއިރު އެ ޓީމް ފައިނަލަށް ގެން ގޮސްދިން ޕެނަލްޓީ ކާމިޔާބުކޮށްދިން އަޒާނުވަނީ އެއް މެޗަށް ސަސްޕެންޑް ކޮށް އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން އެ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވި ނައުފަލް ވަނީ ކުރިއަށް އޮންނަ ކައުންސިލް ކަޕެއްގައި އެއްވެސް ޓީމެއްގައި ހަރަކާތްތެރި ނުވެވޭނެ ގޮތަށް ސަސްޕެންޑް ކޮށް އެފަދަ އަމަލުތަށް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރި ވެފައެވެ. މި ފިޔަފަޅުތައް އަޅަން ނިންމާފައިވަނީ މުބާރާތުގެ ހިންގާ ޤަވާއިދުގެ 14.2 ،14.4، 14.5 ވަނަ މާއްދާއަށް ރިޔާޢަތް ކޮށް، އެ ޢަމަލުތަކަކީ ކުޅިވަރުގެ ރޫޙާއި ހިލާފު އަދި އަހްލާޤީ ގޮތުން ދަށު ދަރަޖައިގެ އަމަލު ތަކެއްގެ ގޮތުގައި ޑިސިޕްލިނަރީ ކޮމިޓީއަށް ފާހަގަ ކުރެވިފައިވާތީއެވެ.
އިހަވަންދޫ ކައުންސިލްގެ މި ނިންމުމާ ގުޅިގެން ޗެމްޕިއަން އެން.ވީ.ކޭ ޓިމުގައި ބައެއް ކުޅުންތެރިނާއި ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ކައުންސިލަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.