Banner Image Description

އިހަވަންދޫގައި ކޮލްޑް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރަނީ

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި ފިޝް ކަލެކްޝަން، ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ، ހއ. ކެމްޕެއިން ޓީމްތަކާއި އެކު އޮންލައިންކޮށް ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި، އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ދެއްކެވި ވާހަކަޔަށް ޖަވާބުދާރީވެ ވާހަކަ ދައްކަމަވުންނެވެ.

ރޭގެ ބައްދަލުވުމުގައި އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުވަނީ އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވައިފައެވެ. އަދި އެދަތިތައް ހައްލުކުރުމަށް އިހަވަންދޫގައި މަސް ފެކްޓަރީއެއް އެޅުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

އެބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އިހަވަންދޫއަކީ އިޤްތިސާދީ ތަރައްޤީގެ ވަރަށްމުހިއްމު މަސައްކަތްތަކެއް ހިނގަމުންދާ ރަށެއްކަމަށާއި، އެހެންކަމުން އެދާއިރާއިން މުހިންމު މަސައްކަތްތަކެއް ހިންގުމަށް ސަރުކާރުންވެސް ޕްލޭން ކޮށްފައި ވާކަމުގައެވެ. އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތުގެ ބައެއް ކަންކަމަށްވެސް ރައީސްގެ ވާހަކާގައި އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން އިހަވަންދޫގައި މިހާރުވެސް މަސްވެރިކަމަށް 25 އުޅަނދު ދުއްވާކަމާއި، އަދި އިތުރު 17 އުޅަނދެއް ބަނދެ ނިމުމުގެ މަރުހަލާގައިވާކަން، އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި ހަވާލާދެއްވައި ވިދާޅުވިއެވެ.

މަސްވެރިކަމަކީ އިހަވަންދޫގެ މައިގަނޑު ސިނާއަތެވެ. އިހަވަންދޫގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ދައްޗަކީ މަސްވެރިން ބާނާ މަސްކޮޅު ފަސޭއިން ކިރުވޭނެގޮތެއް ނެތުމެވެ. އެގޮތުން އެންމެ ކައިރިންވެސް މަސްކިރުވުމަށް މަސްވެރިންނަށްޖެހެނީ ޅ. ފެލިވަރަށް ދާށެވެ. ފެލިވަރަށް ގޮސް އައުމަށް 400 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރަންޖެހެއެވެ. އެހެންކަމުން ތެލަށްކުރަންޖެހޭ ހަރަދު ބޮޑުވެ މަސްވެރިންގެ ޖީބަށް ވަންނަ އާމްދަނީ ދަށްވުމުގެ އިތުރުން މަސްވެރިން އެމީހުންގެ އާއިލާއާއި އެކު ހޭދަކުރަން ލިބޭ ވަގުތު އެތައްތަނެއް ކުޑަވެއެވެ. އިހަވަންދޫގައި ފިޝް ކަލެކްޝަން ފެސިލިޓީއެއް ޤާއިމް ކޮށްފިނަމަ މަސްވެރިންނަށް ދިމާވެފައިވާ މިމައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.

އިހަވަންދޫގައި ފިޝްކަލެކްޝަން ފެސިލިޓީއެއް ޤާއިމްކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެފައިވާ ވައުދެކެވެ.