ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން

މުޙައްމަދު އަކުރަމް

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް – 2022” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލްމުބާރާތް ފަސްކޮށް ބައިވެރިވުމުގެ ފުރުސަތުހުޅުވައިލުމުން ގިނަ ރަށްތަކަކުން މިމުބާރާތުގައި ބައިވެރިވެއްޖެއެވެ.

ފުރަތަމަ ހުޅުވާލި ފުރުސަތުގައި މިމުބާރާތުގައި ބައިވެރިވެފައިވަނީ 6 ރަށަކުންނެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމުން މިހާރު މިމުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ވަށަފަރު ކައުންސިލް، ކެލާ ކައުންސިލް، ފެނަކަ މުރާދޫ ބުރާންޗް، ތުރާކުނު ކައުންސިލް، އިހަވަންދޫ ކައުންސިލް، އުތީމް ކައުންސިލް، ފެނަކަ ދިއްދޫ ބްރާންޗް، އެމްޑަބްލިއުއެސްއީ މާރަންދޫ ސައިޓް، ފިއްލަދޫ ކައުންސިލް އަދި ބާރަށު ކައުންސިލެވެ.

މިމުބާރާތް ކުރިޔަށް ގެންދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމް ތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން ގްރޫޕަކުން އެއްވަނަ އަދު ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ވަށަފަރު ކައުންސިލް، ކެލާ ކައުންސިލް، ތުރާކުނު ކައުންސިލް، ފެނަކަ މުރާދޫ ބްރާންޗް އަދި އިހަވަންދޫ ކައުންސިލެވެ. ގްރޫޕް ބީގައި ހެމެނެނީ އުތީމް ކައުންސިލް، ފެނަކަ ދިއްދޫ ބްރާންޗް، އެމްޑަބްލިއުއެސްއީ މާރަންދޫ ސައިޓް، ފިއްލަދޫ ކައުންސިލް އަދި ބާރަށު ކައުންސިލެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވަށަފަރު ކައުންސިލް އަދި ކެލާ ކައުންސިލެވެ.

ޗެމްޕިއަން ޓީމަށް 15،000ރ، ރަނަރއަޕް ޓީމަށް 10،000ރ އަދި ފެއަރޕްލޭ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށް ދާނީ އުތީމް ފުޓްސަލް ދަނޑު ގައެވެ.

ހއ އަތޮޅުގެ މުވައްސަސާތަކުގައި ޙިދުމަތް ދެއްވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، މުވައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާއީ ގުޅުން ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ހުރިހާ ކުޅުންތެރިންނަކީވެސް އެރަށެއްގެ ސަރުކާރު ކުންފުންޏަކަށް ނުވަތަ މުއައްސަސާއަކަށް ނިސްބަތްވާ ފަރުދަކަށް ވާންޖެހެއެވެ. އެރަށެގެ ހިމެނޭ ހުރިހާ މުއައްސަސާއެއް އެއްކޮށްލައިގެންވެސް ޓީމްތައް ނެރެވޭއިރު އެރަށަކުން އެއްޓީމަށްވުރެ ގިނަ ޓީމް ބައިވެރިވާން ހުށަހަޅައިފިނަމަ، އެރަށެއް ތަމްސީލްކުރާނެ ޓީމެއް ކަނޑައަޅާނީ އެރަށެއްގެ  ރަށު ކައުންސިލުންނެވެ.