ޓިނު ހަރުގެ ރޫޅާލުމުން އެހެންތާކު ހަރުގެއެއް އަޅަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ދެކުނު ފަރާތު ބަނދަރުމަތީ އިރަށް ހުރި ތެޔޮ ބަނޑަހައާ އިންވެގެން އިރުމަތީ ފަރާތުގައި ހަދާފައި ހުރި “ޓިނު ހަރުގެ” (ނަލަމައިޒާން)، މިމަހުގެ 21 ވަނަދުވަހު ފުލުހުން ރޫޅާލާފައިވަތީ އައު ހަރުގެއެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތުގައި އިސްވެ ހަރަކާތްތެރިވަމުންދަނީ އިހަވަންދޫގައި ހަރަކާތްތެރިވާ އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުންނެވެ.

ހަރުގެ ހެދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓަކުބުނީ، އައުހަރުގެޔެއް ހަދަނީ ދަތުރުވެރިން ބޭނުންކުރަމުން ދިޔަ އަދި ބައެއް މީހުން ރާއްޖެޓީވީ ބަލަން ޖަމާވާ ނަލަމައިޒާން ރޫޅައިލުމުން އެފަރާތްތަކަށް ލިބެމުންދާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށްކަމަށެވެ. އޭނާ ބުނިގޮތުގައި އައު ހަރުގެ ހަދަނީ ދީލަތި ފަރާތްތަކުން ދެމުންދާ އެހީތެރި ކަމާއި އެކު ކަމަށާއި ހަރުގެ ހެދުމަށް 100،000 އަށްވުރެ ބޮޑުއަދަދެއް ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމުގައެވެ. އޭނާ އިތުރަށް ބުނިގޮތުގައި ރައްޔިތުންގެ ނަލަމައިޒާން، ރައްޔިތުންނަށް ފަސޭހައެއްވާތީ އެކަމާ ހިތާމަކުރާ ބަޔަކު ރޫޅައިލިޔަސް، މިހާރު މިހަދާ ހަރުގެއިން ހުރިހާ އެއްމެންނަށްވެސް ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އުއްމީދުކުރާކަމުގައެވެ. އެގޮތުން ދަތުރުވެރިންނަށާއި އާމުންނަށްވެސް މުހިއްމު ހިދުމަތްތަކެއް ތައާރަފްކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އޭނާބުންޏެވެ.

އައު ހަރުގެ ހަދަމުން ދަނީ އިހަވަންދޫ ޕޮލިސްޓޭޝަނުގެ އިރަށް ހުންނަ އާންމު މީހެއްގެ ގެއެއްކަމަށްވާ ފިއްލަދޫ ގޭގެ ގޯތިތެރޭގައެވެ.