ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާޢަތުގައި ފަތިސް ނަމާދުކުރި 38 ކުއްޖަކަށް ބައިސްކަލް ދީފި

.

މަސްޖިދުއް ތަޢާވުން އަށް ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާއަތަށް ފަތިސްނަމާދަށް ހާޒިރުވި 38 ކުއްޖަކަށް ބައިކަލް ދީފިއެވެ. މިއީ 2023 ވަނަ އަހަރުގެ މެއިމަހު، އެމިސްކިތުގެ އިމާމު އަލްފާޟިލް ޙުސައިން ރަޝީދު އިސްނަންގަވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

މިހަރަކާތް ފުރިހަމަކުރި ކުދިންނަށް ބައިސްކަލް ހަވާލުކޮށްފައިވަނީ ރޭ އިޝާ ނަމާދަށްފަހު މަސްޖިދުއް ތަޢާވުންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާމު ހުސައިން ރަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ދީނީ ކަންތައްތަކަށް ދަރިވަރުން ލޯބި ޖެއްސުމަށް މިފަދަ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ. ރޭގެ ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަރީބްގެ އިތުރުން ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހުސަންވެސް ވާހަކަ ދެއްކެވިއެވެ. އެބޭފުޅުންގެ ވާހަކާގައި މިފަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ދެއްކެވިއިރު، މި ހަރަކާތުގައި ބައިވެރިވެ ބައިސްކަލް ހާސިލްކުރި ދަރިވަރުންނަށް ކުރިޔަށް އޮތްތަނުގައިވެސް ޖަމާއަތުގައި ނަމާދުކުރުމަށް ހިތްވަރު ދެއްވިއެވެ. އަދި މިފަދަ ހަރަކާތްތަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އެހަރަކާތުގައި 64 ކުއްޖަކު ބައިވެރިވި ނަމަވެސް ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާޢަތުގައި ފަތިސް ނަމާދުކޮށް އެހަރަކާތް ފުރިހަމަ ކުރެވުނީ 38 ކުއްޖަކަށެވެ. ޖަމާއަތުގައި ފަތިސް ނަމާދަށް އައުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ކުދިންނަށްނަށް ނަމާދުކުރަން ދަސްކޮށްދިނުމުގެ އިތުރުން ދީނީ މަޢުލޫމާތު ދިނުންވެސް ކުރިޔަށް ގެންދިޔައެވެ.