ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓް މަހަށް ބަދަލުކޮށްފިއެވެ.
ދިރާސީ އަހަރުގެ ކިޔެވުން އޮގަސްޓް މަހަށް ބަދަލު ކުރިކަން އިއުލާން ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ދިރާސީ އަހަރު ފެށޭ ދުވަހަށް ގެނަ ބަދަލާއެކު ސުކޫލަތުގެ ބޮޑު ޗުއްޓީ ދެން ލިބޭނީ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅުގައި ކަމަށެވެ. އަދި ފުރަތަމަ ޓާމު ނިންމުމަށްފަހު ޓާމު ބަންދާ އެއްކޮށް މުޅިއެކު 2 ހަފުތާ ނުވަތަ 3 ހަފުތާ ލިބިގެން ދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ދުވަސްވަރަށް ބަދަލު ގެނެސްފައިވަނީ ދަރިވަރުންނާއި މުދައްރިސުންނާއި، ބެލެނިވެރިންގެ އިތުރުން ކަމާއިގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހުކަމަށެވެ. މިގެނައި ބަދަލާއެކު ދަރިވަރުންނަށް ފައިދާވާނެކަން ހާމަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ބަދަލާއެކު ބައިނަލްއަޤްވާމީ ގޮތުން ދަރިވަރުންނަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންވެސް އެމީހުންގެ ދަރިންނާއި އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން އެކި ސިނާއަތްތަކުގައި މަސައްކަތުގެ ތަޖުރިބާތައް ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.