Banner Image Description

ލޭންޑު ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ބައްދަލުވުމެއް ބާއްވަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ލޭންޑު ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާނުގައިވަނީ މިބައްދަލުވުން އޮންނާނީ މިމަހުގެ 14ވާ އާދިއްތަ ދުވަހުގެ ރޭ އިހަވަންދޫ ސްކޫލްގައި ކަމަށެވެ.

30 އޭޕްރީގައި އިހަވަންދޫ ކައުންސިލުން ބޭއްވި ރައްޔިތު ބައްދަލުވުމުގައި، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްވަނީ ލޭންޑްޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެންމެ ފުރިހަމަޔަށް ދެއްވުމަށް އެދިލައްވާފައެވެ. ސޮބާހް ވިދާޅުވީ ފުޅާ ދާއިރާއެއްގައި ރަށުރައްޔިތުންނާއި މުއައްސަސާތަކާއި އަދި ކުލަބު ޖަމިއްޔާތަކުގެ ހިޔާލާ މަޝްވަރާ ހޯދުމަށްފަހު ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށް މިނިސްޓްރީގެ އެންޑޯސްމެންޓް ހޯދުމަށް ފޮނުވާނެކަމުގައެވެ. އެއަށްފަހު ރައީސުލް ޖުމްހޫރިއްޔާ ލޭންޑްޔޫސް ޕްލޭން ތަސްދީގުކުރެއްވުމުން، ބިމާ ގުޅޭ ކަންކަން ނިންމުމުގައި އިތުރު ފަރާތްތަކުގެ ހުއްދަ ކައުންސިލުން ހޯދަން ނުޖެހޭނެކަމަށް ސޮބާހް ވިދާޅުވިއެވެ.

އެގޮތުން އިހަވަންދޫ ކައުންސިލުންވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން، ލޭންޑް ޔޫސް ޕްލޭންއަށް، ގޫގަލް ފޯމެއްގެ ޒަރިއްޔާއިން އާނމު ހިޔާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް މައުލޫމާތު ދެއްވި ގޮތުގައި ގޫގަލް ފޯމްގެ ޒަރިއްޔާއިން ރައްޔިތުންގެ ހިޔާލު ފޮނުވުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ 14:00 އާއި ހަމަޔަށް ކުރިޔަށް ދާނެއެވެ.

އިހަވަންދޫގެ ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރުކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މިމަސައްކަތަށް ކައުންސިލުން 159000ރ ހަރަދުކުރެއެވެ.