ގަސް އިންދުމުގެ ޕްރޮގްރާމެއް ކައުންސިލުން ފަށައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫއަކީ ހިއްފަސޭހަ ފެހި ރަށަކަށް ހެދުމުގެ ގޮތުން، ގަސް ޖެހުމުގެ ޕްރޮގްރާމެއް ކައުންސިލުން ފަށައިފިއެވެ. މިޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ގަސް ޖަހާފައިވަނީ އިހަވަންދޫ ބަނދަރުމަތީގައެވެ.

ގަސްއިންދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ކައުންސިލަރު އަޙުމަދު ރިލްވާ ވިދާޅުވީ، އިހަވަންދޫއަކީ ފެހި ރަށަކަށް ހެދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 2000 ގަސް ހޯދިފައިވަ ކަމަށާއި އަދިވެސް އިތުރުގަސް ހޯދުމުގެ މަސައްކަތް ކުރިޔަށް ދާކަމުގައެވެ. “ފުރަތަމަ  މިފެށީ ބަނދަރު މަތި އަދި ކުޑަކުދިންގެ ޕާކްގައި ގަސްޖެހުމުގެ މަސައްކަތް. ކުޑަކުދިންގެ  ޕާކުގައި ޖަހާ ގަސްގަހުގެ މައުލޫމާތު ކުދިންނަށް ލިބޭގޮތަށް ބޯޑްވެސް މަސައްކަތް ނިމޭއިރު ހަރުކުރެވިފައި ހުންނާނެ” ރިލްވާން ވިދާޅުވިއެވެ.

ރިލްވާން ވިދާޅުވީ ރަށުގެ ލޭންޑްޔޫސް ޕްލޭން ފާސްވެގެން އަންނައިރު ފެހިކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް މިމަސައްކަތުގެ ތެރެއިން ކަވަރުވެގެން ދާނެކަމުގައެވެ. މިޕްރޮގްރަމްގެ ތެރެއިން އިންދަނީ ތަފާތި ތިން ވައްތަރެއްގެ ގަސްކަމަށް ރިލްވާން ވިދާޅުވިއެވެ. އެއީ ހިޔާދޭ ގަހާއި، މާގަހުގެ އިތުރުން ކާނާއަޅާ ގަސްގަހެވެ. “ހިޔާދޭ ގަސްގަހަށް މިޖަހަނީ އޮފި އެލޭގަހާ، ގްލޮރިސީޑިއާ އަދި ހިތިގަސް، މޭވާ އަޅާ ގަސްގަހަށް މިޖަހަނީ އަތަ، ލުނބޯ، ޖަނބުރޯލް އަދި ސަބްދެލި” ރިލްވާ މައުލޫމާތު ދެއްވިއެވެ.

އިހަވަންދޫގައި އުމްރާނީ މަސައްކަތްތައް އިތުރުވުމާއި ދިރިއުޅޭ ތަންތަން ބިނާކުރުމަށް ޖާގަހެދުމަށް ވޭތުވެދިޔަ ވިއްސަކަށް އަހަރުތެރޭ އަހަރުތެރޭވަނީ އެތައްހާސް ގަހެއްކަނޑާފައެވެ.

2010 ވަނަ އަހަރު އިހަވަންދޫ އޮތްގޮތް ފެންނަ ޗާޓެއް

2022 ވަނަ އަހަރު އިހަވަންދޫ އޮތްގޮތް ފެންނަ ޗާޓެއް