Banner Image Description

ލޭންޑު ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ލޭންޑު ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުން ކުރިޔަށް ގެންދިޔައީ ރޭ އިހަވަންދޫ ސްކޫލްގައެވެ.

މިބައްދަލުވުމުގައިވަނީ ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރުކުރުމަށް ކައުންސިލުން ހަވާލުކޮށްފައިވާ ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެ ބޭފުޅަކު ލޭންޑްޔޫސް ޕްލޭންއާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. ރޭގެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ ލޭންޑް ޔޫސް ޕެނާއިމެދު މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައެވެ. އެގޮތުން ގިނަބަޔަކު، ޕޮލިސްޓޭޝަން އަޅަން ފާހަގަކޮށްފައިވާ ބިމާއިމެދު ހިޔާލުފާޅުކުރިއިރު، ރަށުގެ ދިގުމިނަށް ސަރާސަރު މަގެއް ބޭއްވުމަށްވެސް ހިޔާލުދިނެވެ.

އިހަވަންދޫގެ ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރުކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މިމަސައްކަތަށް ކައުންސިލުން 159000ރ ހަރަދުކުރެއެވެ.

30 އޭޕްރީގައި އިހަވަންދޫ ކައުންސިލުން ބޭއްވި ރައްޔިތު ބައްދަލުވުމުގައި، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްވަނީ ލޭންޑްޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެންމެ ފުރިހަމަޔަށް ދެއްވުމަށް އެދިލައްވާފައެވެ. ސޮބާހް ވިދާޅުވީ ފުޅާ ދާއިރާއެއްގައި ރަށުރައްޔިތުންނާއި މުއައްސަސާތަކާއި އަދި ކުލަބު ޖަމިއްޔާތަކުގެ ހިޔާލާ މަޝްވަރާ ހޯދުމަށްފަހު ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށް މިނިސްޓްރީގެ އެންޑޯސްމެންޓް ހޯދުމަށް ފޮނުވާނެކަމުގައެވެ. އެއަށްފަހު ރައީސުލް ޖުމްހޫރިއްޔާ ލޭންޑްޔޫސް ޕްލޭން ތަސްދީގުކުރެއްވުމުން، ބިމާ ގުޅޭ ކަންކަން ނިންމުމުގައި އިތުރު ފަރާތްތަކުގެ ހުއްދަ ކައުންސިލުން ހޯދަން ނުޖެހޭނެކަމަށް ސޮބާހް ވިދާޅުވިއެވެ.