ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އަޅަން މިއަހަރު ފަށާނަން: ރައީސުލްޖުމުހުރިއްޔާ

ޢަބުދުﷲ ޙަމީދު

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރުމުގެ ގޮތުން މިއަހަރު ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިއަހަރު ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ނ. މާފަރު އަދި ގދ. މާވާރުލުގައި ގާއިމް ކުރާ ޑޮމެސްޓިކް އެއާޕޯޓް ތަކުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށެވެ. އަދި ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތްވެސް މިއަހަރު ފަށާނެ ކަމަށެވެ.

ހޯރަފުށީ ކައިރީގައި އެއަރޕޯރޓެއް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ ވިދާޅުވެފައިވާއިރު، މީގެ ކުރިންވެސް ވަނީ އެއަރޕޯޓު އަޅާނެ ކަމަށްބުނެ ތާރީހު ތަކެއް ދެއްވާފައެވެ. އެގޮތުން ހއ. ހޯރަފުށީގައި އެއާޕޯޓެއް އަޅަން ނިންމާ، އެކަން އިއުލާންކުރައްވާފައި ވަނީ، ރައީސްގެ ރިޔާސީ ދައުރަށް ދެބައިވުން ފާހަގަކުރުމަށް 2016 ވަނަ އަހަރުގެ މެއި މަހު ބޭއްވި “ފަހި ނުވައެއް ތޭރަ” ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ، ސަރުކާރުން އުތުރުގެ ތަރައްޤީއަށް ޓަކައި ހއ. ހޯރަފުށީގައި އެއާޕޯޓެއް އެޅުމަށް ނިންމާ ވަރަށް އިސްކަމެއްދީގެން އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

އޭގެ ފަހުން 2016 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ހއ. ހޯރަފުށީ ނަރުދަމާގެ ޚިދުމަތް އިފްތިތާހް ކޮށްދެއްވުމުގެ ގޮތުން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައި ވަނީ ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ކުރިން ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ޤާއިމްކުރާ އެއަރޕޯޓްތަކުގެ މަސައްކަތް ނިމި އެއަރޕޯޓުތަކަށް މަތިންދާބޯޓްތައް ޖައްސާނެކަމަށެވެ.