އަލްމަރުހޫމް އަބްދުﷲ ނައީމް އަދި އަލްމަރޫހޫމާ އަޒްހަރީ ހަސަންގެ ހަނދާނުގައި ބޭއްވި ކުލަބު ޕޯލްސްޓަރގެ 21 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އަޒާ އިބްރާހިމް އަސްލަމް / ހުދުވިލާގެ، ލ.ގަން ހޯދައިފިއެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ އޮތީ އިއްޔަ ހަވީރު އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައެވެ.
ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ ރަމަޞާން މަހުއެވެ. މިއީ އިހަވަންދޫގައި މެދުނުކެނޑި ކުރިޔަށްދާތާ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ. ކުލަބް ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތް އަންނަ އަހަރު އޮންނާނެކަން މިރަސްމިއްޔާތުގައިވަނީ އިޢުލާން ކޮށްފައެވެ.
މިމުބާރާތުގެ 1 ވަނަ އަށް ހޮވުނު ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމު، 2 ވަނަ ހޮވުނު ފަރާތްތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމު އަދި 3 ވަނަ އަށް ހޮވުނު ފަރާތްތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. މިމުބާރާތުގެ 2 ވަނަ އަށް 3 ދަރިވަރަކު ހޮވިފައިވާއިރު 3 ވަނައަށް ދެ ދަރިވަރަކު ހޮވިފައިވެއެވެ.
މުޅި މުބާރާތުން 3 ވަނަ – ޔައިޝާ ޔާސިރު އިބްރާހިމް، ދޭލިޔާގެ
މުޅި މުބާރާތުން 3 ވަނަ – މަރްޔަމް ޒީޝާން އަބްދުﷲ، ރޯޝަނީގެ
މުޅި މުބާރާތުން 2 ވަނަ – ފާތިމަތު ނަދުވާ، ރިވާ
މުޅި މުބާރާތުން 2 ވަނަ – އައިޝަތު މައިހާ މާހިރު، ރަށްމެދުގެ
މުޅި މުބާރާތުން 2 ވަނަ – މުހައްމަދު އާޔަން އަހުމަދު، އާރު
މުޅި މުބާރާތުން 1 ވަނަ – އަޒާ އިބްރާހިމް އަސްލަމް، ހުދުވިލާގެ