ހަނިމާދޫއަށް ގްރޫޕް ބީ ގެ އެއްވަނަ، ނައިވާދޫ ސެމީއަށް

މުޙައްމަދު އަކުރަމް

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގައި މިއަދުކުޅުނު  މެޗްތަކުގެ ނަތީޖާއިން ގްރޫޕް ބީ ގެ އެއްވަނަ ޓީމް ހަނިމާދޫއަށް ކަށަވަރުވެއްޖެއެވެ. އަދި ޓީމް ނައިވާދޫވަނީ ކްލަބް އިރަމާއާ އެއްވަރުކޮށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މިއަދުގެ ފުރަތަމަ މެޗްގައި ޓީމް ނައިވާދޫ ބައްދަލުކުރީ ކްލަބް އިރަމާޔާއެވެ. އެމެޗް ގޯލެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، މޭންއޮފްދަ މެޗަކަށް ހޮވުނީ މިއަދު މެޗްގައި ގިނަ ސޭވްތަކެއްކުރި ކްލަބް އިރަމާގެ ކީޕަރު ސަމާހްއެވެ. ދެވަނަ މެޗްގައި 5-1 ގެ ނަތީޖާއަކުން ކުޅިމަގު، ސެންސިޓީ ބަލިކުރިނަމަވެސް ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް އެރޭގޮތެއްނުވިއެވެ. އެމްޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެމެޗްގައި ދެ ގޯލްޖެހި ހާޝިމް މުހައްމަދުއެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތަކުން މިހާރު ބާކީއޮތީ ދެ މެޗެވެ. މާދަމާގެ ފުރަތަމަ މެޗްގައި މަނަފަރާ ދެކޮޅަށް މާރަންދޫ ނުކުންނައިރު ފަހު މެޗްގައި ޔުނައިޓެޑްޔޫތް ނުކުންނާނީ ބޮޑުމަގާ ދެކޮޅަށެވެ. ޓީމް ހަނިމާދޫ، ޓީމް ނައިވާދޫ އަދި ކުޅިމަގު ސެމީފައިނަލުން ޖާގަ ކަށަވަރުވެފައިވާއިރު، ސެމީފައިނަލްގެ ފަހު ޖާގައަށް ވާދަކުރަނީ ޔުނައިޓެޑްޔޫތް އަދި އެންވީކޭއެވެ.