ވަރުގަދަ ހަނީމާދޫ ސެމީގައި ނައިވާދޫއާ ދެކޮޅަށް

ހަސަން އީމާން

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ޓީމް ހަނިމާދޫ މާދަމާ ނުކުންނާނީ ޓީމް ނައިވާދޫއާ ދެކޮޅަށެވެ.

ޓީމް ހަނިމާދޫ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައި 10 ޕޮއިންޓާއި ފައިދާ 12 ގޯލާއިއެކުއެވެ. އެއްވެސް މެޗަކުން ހަނިމާދޫ ޓީމް ބަލިވެފައި ނުވާއިރު ގްރޫޕް ސްޓޭޖްގައި އެއްވަރުވެފައިވަނީ ކުޅިމަގާއި ބައްދަލުކުރި މެޗުން އެކަންޏެވެ. ގްރޫޕް ސްޓޭޖްގައި މަނަފަރު 4-0 އިން، ސެންސިޓީ 5-1 އިން، އަދި މާރަންދޫ ޔޫތް ސޮސައިޓީ 4-0 އިން ބަލިކޮށްފައިވާ ހަނިމާދޫ ސެމީފައިނަލަށް ނުކުންނަނީ އިތުބާރާއިއެކުއެވެ.

ހަނިމާދޫ ޓީމްގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު، އެޓީމްގެ އަލީ އާމިރު ގްރޫޕް ސްޓޭޖްގައި 4 ގޯލްޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ވާދަކުރާއިރު އެޓީމްގެ މުހައްމަދު ނާފިޒްވެސްވަނީ ތިންގޯލް ޖަހާފައެވެ. މީގެ އިތުރުން އަލީ އާމިރުވަނީ ގްރޫޕް ސްޓޭޖްގައި އެޓީމްކުޅުނު 4 ހަތަރު މެޗްގެ ތެރެއިން 3 މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައެވެ. މީގެއިތުރުން މިމުބާރާތުގައި މިހާތަނަށް އެންމެ މަދު ގޯލް ވަދެފައިވަނީވެސް ޓީމް ހަނިމާދޫ ކޮޅަށެވެ. އެޓީމް ކޮޅަށް ގްރޫޕް ސްޓޭޖްގައި ވަދެފައިވަނީ ހަތަރު ގޯލެވެ. އެހެންކަމުން ހަނިމާދޫ ޓީމްގެ ގޯލް ބަލަހައްޓާ އިތުބާރު ކީޕަރު އަބްދުﷲ މުހައްމަދު، އަދި ހަނިމާދޫ ޓީމަށް 4 ގޯލް ޖަހައިދީ، އިތުރު 4 ގޯލް ޖަހަން އެހީވި އަލީ އާމިރަކީ، ޓީމް ހަނިމާދޫއާ ދެކޮޅަށް ސެމީފައިނަލްގައި ނުކުންނަ ޓީމް ނައިވާދޫއަށް އެންމެ ބޮޑު ގޮންޖެހުމަށް ވެގެންދާނެކަން ޔަޤީނެވެ.