އެމްއެންޑީއެފުން އަންނަ ހޯމަދުވަހު އިހަވަންދޫގައި ޕެރޭޑް ބާއްވަނީ

މުޙައްމަދު އަކުރަމް

އެމްއެންޑީއެފުން އިހަވަންދޫގައި ޕެރޭޑް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެރޭޑް ހަރަކާތް އިހަވަންދޫގައި އޮންނާނީ މިމަހުގެ 28 ވާ ހޯމަ ދުވަހުގެ 16:30 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕެރޭޑަކީ ސިފައިންގެ ނޮދަން އޭރިއާ ކޮމާންޑުގެ ހެޑްކުއާޓަރު ހަނިމާދުއަށް ބަދަލުކުރާތީ، އެކަން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޕެރޭޑެކެވެ. އެގޮތުން މިއަދުން ފެށިގެން، އަންގާރަ ދުވަހުގެ ނިޔަލަށް އުތުރުގެ ފަސް ރަށެއްގައި ޕެރޭޑު ބާއްވާނެއެވެ. މި ޕެރޭޑު ބާއްވަނީ ހަނިމާދޫގެ އިތުރުން ހއ. ދިއްދޫ، ހއ. އިހަވަންދޫ، ހދ. ކުޅުދުއްފުށި އަދި ހދ. ނޮޅިވަރަންފަރުގަ އެވެ. ކޮންމެ ރަށެއްގައި ބާއްވާ ޕެރޭޑަށް ފަހު ސިފައިންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ސިފައިންގެ ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއާޓަރު މިހާރު ހިންގަމުން އަންނަނީ ޅ. މާފިލާފުށީގަ އެވެ.