އައުޓްޑޯރ ޖިމްގެ ބޭސްމަންޓާއި ވަށާފާރު ރޭނުމަށް ޑާރކް އިންވެސްޓްމަންޓާއި ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް، އިހަވަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން، އައުޓްޑޯރ ޖިމް އިންސްޓޯލް ކުރުމަށް ބޭނުންވާ ކޮންކްރީޓް ބޭސްމަންޓާއި، އައުޓްޑޯރ ޖިމްގެ ފަށާފާރު ރޭނުމުގެ މަސައްކަތް ޑާކް އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް މައުލޫމާތު ދެއްވިގޮތުގައި، މިމަސައްކަތް ޑާކްއިންވެސްޓްމަންޓާއި ހަވާލުކުރީ 64500ރ ގެ އަގަކަށް، 18 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށްކަމުގައެވެ. ސޮބާޙް މައުލޫމާތު ދެއްވިގޮތުގައި އައުޓްޑޯރ ޖިމް އެޅުމަށް މިހާރު ހަމަޖެހިފައިވަނީ، މިރަށު ޢާޒީ ދަނޑުގެ އުތުރުގައިހުންނަ ފެނަކަ ޓްރާންސްފޯމަރާއި އިންވެގެން އިރުމައްޗަށްއޮތް ބިމުގައެވެ.

ކައުންސިލުން އިހަވަންދޫގައި ތަރައްޤީކުރާ އައުޓްޑޯރ ޖިމަށް ބޭނުންވާ އިކްއިޕްމަންޓްސް ސަޕްލައިކޮށްދިނުމަށް ހަވާލުކުރީ ބްރިލިއަންޓް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރިލިއަންޓް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑުން މިހާރުވަނީ ޖިމަށް ބޭނުންވާ އިކްއިޕްމަންޓްސް ސަޕްލައިކޮށްދީފައެވެ.